ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެނެވުނު މުހިންމު އިސްލާޙުތަކާއެކު، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް ފެނިގެންދާނެ ކަމަށް ބަންޑާރަ ނައިބު އަލްއުސްތާޛް އަޙްމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ މަހުގެ 31 ގައި ތަޞްދީޤު ކުރެއްވި އިސްލާޙުތަކަށް މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާފައިވާ ކަމަށެވެ. މި އިސްލާޙުގެ ދަށުން ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކިން ނިޒާމަށް މާރުކުރަން ޖެހޭތީ، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޭގެ ފައިދާ އިޤްތިޞާދުން ފެންނަން ފަށާނެ ކަމަށް އުޝާމް ފާހަގަކުރެއްވިއެވެ.
"ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން 40 އިންސައްތަ މާރުކުރަންޖެހޭ ގޮތަށް މިގެނެވުނު އިސްލާޙާއެކު އަޅުގަނޑު ގަބޫލުކުރަނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އޭގެ ޕޮޒިޓިވް ޗޭންޖްތަކެއް ފެނިގެންދާނެކަމަށް. ޤާނޫނުގައި އޮތްގޮތުން މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާފައި މިއޮތީ. އެހެންކަމުން އަންނަ މަހުގެ އެކަކުން ފެށިގެން މާރުކުރަންޖެހޭނެ،" އުޝާމް ވިދާޅުވިއެވެ.
މި އިސްލާޙުގެ ދަށުން ގެނެވުނު މައިގަނޑު ބަދަލުތަކުގެ ތެރޭގައި، ކެޓަގަރީ 'އޭ' ގެ ޓޫރިޒަމް އެސްޓަބްލިޝްމަންޓްތައް (ރިސޯޓުތައް) ފަދަ ތަންތަނުން މަހަކު ލިބޭ ޖުމްލަ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ ދިވެހި ރުފިޔާއަށް މާރުކުރުން ލާޒިމުވެއެވެ. އަދި މީގެ ކުރިން އޮތް 'ބޮލަކަށް 500 ޑޮލަރު' މާރުކުރުމުގެ އިޚުތިޔާރު މިހާރު ވަނީ އުނިކޮށްފައެވެ. މީގެ އިތުރުން ގެސްޓްހައުސްތައް ހިމެނޭ ކެޓަގަރީ 'ބީ' ގެ ތަންތަނުން އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ ގްރޮސް ސޭލްސްގެ 20 އިންސައްތަ މާރުކުރަންޖެހެއެވެ. ޓޫރިޒަމް ދާއިރާގެ އިތުރުން، އެހެނިހެން ވިޔަފާރިތަކުގެ ތެރެއިން އަހަރަކު 25 މިލިއަން އެމެރިކާ ޑޮލަރަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުން ވެސް ބޭރު ފައިސާގެ އާމްދަނީ ރާއްޖޭގެ ބޭންކު އެކައުންޓަކަށް ޖަމާކުރަން މަޖުބޫރުވާނެއެވެ.
ދުނިޔޭގެ އިޤްތިޞާދީ ހާލަތަށް ބަލައި، ޑޮލަރު މާރުކުރުމުގެ މިންގަނޑަށް ލުޔެއް ދިނުމަށް ޤާނޫނަށް އިތުރު އިސްލާޙެއް ގެނައުމުގެ ވިސްނުމެއް ސަރުކާރުގެ އެބައޮތްތޯ ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ، ޤާނޫނަށް އިތުރު އިސްލާޙެއް މިވަގުތު ހުށަހެޅުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަދި 40 އިންސައްތަ މާރުކުރަންޖެހޭ ގޮތަށް ނިންމީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހެދި ފުޅާ ދިރާސާތަކަށް ބެލުމަށްފަހު ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އުޝާމް ވަނީ ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ސަރުކާރުން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓަށްވުރެ ބޮޑު އަގުގައި ބޭރު ފައިސާ ވިއްކުމާއި، ލައިސަންސް ނެތި ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރުމަކީ ކުށެއް ކަމަށާއި އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވިއެވެ. އަދި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ނުވަތަ އެނޫންވެސް ގޮތަކަށް ކަޅު ބާޒާރުގެ ރޭޓުތައް އިޝްތިހާރުކުރުމާއި، ޝާއިޢުކުރުމަކީ ވެސް މަނާކަމެއް ކަމަށް ވިދާޅުވިއެވެ.
އުޝާމް ވަނީ ރާއްޖޭގައި ބޭރު ފައިސާގެ އެންމެހައި މުޢާމަލާތްތައް ހިންގުމުގައި ބޭރު ފައިސާއާ ބެހޭ ޤާނޫނާއި، އެމްއެމްއޭގެ ޤަވާޢިދުތަކާއި ބޭންކިން ޤާނޫނުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ހުރިހާ ވިޔަފާރިވެރިންނަށާއި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.