MTCC

ޑޮލަރުގެ ކަޅުބާޒާރު ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކާއެކު އަގު ދަށަށް ދާން ފަށައިފި: ސައީދު

IMG_8338

ޑޮލަރުގެ ކަޅުބާޒާރު ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކާއެކު އަގު ދަށަށް ދާން ފަށައިފި: ސައީދު

SHARE

ދިވެހިރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު އުފުލުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން އަޅަން ފެށި ހަރުދަނާ ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ ފެންނަން ފަށައި، މި ސަރުކާރު ވެރިކަމާ ހަވާލުވި ދުވަސްވަރު ހުރި މިންވަރަށް ވުރެ ވެސް ޑޮލަރުގެ އަގު މިހާރު ދަށަށް ގޮސްފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ، ރާއްޖޭގެ މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރަސްމީ ރޭޓަކީ 15.42 ރުފިޔާ ކަމުގައި ވިޔަސް، ވޭތުވެދިޔަ ދުވަސްތަކުގައި މާކެޓުގައި ޑޮލަރުގެ އަގު އުޅުނީ އިންތިހާއަށް މަތީގައި ކަމަށެވެ. އެގޮތުން ބައެއް ފަރާތްތަކުން އަމިއްލައަށް އަގުތައް މެނިޕިއުލޭޓްކޮށް، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 23 ރުފިޔާއަށް ވުރެ މައްޗަށް ގެންގޮސްފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ވަޒީރު ވިދާޅުވީ، ރާއްޖެ ފަދަ ކުޑަ އިޤްތިޞާދެއްގައި މިފަދަ ގޮތަކަށް ޑޮލަރުގެ އަގު އުފުލިގެން ދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ބައެއް ބޮޑެތި ކުންފުނިތަކުން މުވައްޒަފުންނަށް މުސާރަ ދިނުމުގައި ވެސް ކަޅު ބާޒާރުގެ ރޭޓަށް ރިޢާޔަތްކުރަމުން ދިޔަކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މިހާރު އަޅުގަނޑުމެންނަށް ލިބޭ މަޢުލޫމާތުތަކަށް ބަލާއިރުގައި، މި ސަރުކާރު ހަވާލުވީއިރު ހުރި ރޭޓަށް ވުރެ ދަށަށް ގޮސްފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވަނީ. މާނައަކީ ނިމިދިޔަ ސަރުކާރުން އަޅުގަނޑުމެން ސަރުކާރު، އެއީ 17 ނޮވެމްބަރު 2023 އައި އިރު ހުރި ރޭޓަށް، ސްލައިޓްލީ އެ ބޭންޑަށް އުޅޭ ކަމަށް އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބެނީ. މިއީ ވަރަށް ބޮޑު ކުރިއެރުމެއް،" ވަޒީރު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ހުރީ 17 ރުފިޔާއާއި 18 ރުފިޔާއާ ދެމެދުގަ އެވެ. ނަމަވެސް، ޑޮލަރުގެ ޑިމާންޑު ބޮޑުވެގެން ދިޔުމާއެކު އެ އަގު 23 ރުފިޔާއަށް އަރައި، އާންމުންނާއި ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް އިންތިހާއަށް އިތުރުވެގެން ދިޔަ އެވެ.

މި މައްސަލަ ހައްލުކުރުމުގެ ގޮތުން، ރައީސް ވަނީ ބޭރު ފައިސާއާ ބެހޭ ޤާނޫނަށް މުހިންމު އިސްލާހުތަކެއް ގެންނަވައި، މިދިޔަ މަހުގެ 31 ވަނަ ދުވަހު އެ ޤާނޫނު ތަސްދީޤު ކުރައްވާފަ އެވެ. އަދި މި ހިނގާ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ޤާނޫނަށް އަމަލުކުރަން ވަނީ ފަށާފައެވެ.

އަލަށް ގެނެވުނު އިސްލާހުތަކުގެ ދަށުން ޓޫރިޒަމް ދާއިރާ ފިޔަވައި، ޑޮލަރުން އާމްދަނީ ލިބޭ އެހެނިހެން ވިޔަފާރިތަކުން ބޭންކުތަކަށް ބޭރު ފައިސާ މާރުކުރަންޖެހޭ މިންގަނޑު 15 މިލިއަން ޑޮލަރުން 25 މިލިއަން ޑޮލަރަށް ވަނީ ބަދަލުކޮށްފައެވެ. އަދި

ޓޫރިޒަމް ދާއިރާގެ ކެޓަގަރީ 'އޭ' ގައި ހިމެނޭ ރިސޯޓުތަކުން މަހަކު ލިބޭ ޖުމްލަ އާމްދަނީގެ 40 އިންސައްތަ މާރުކުރަން މަޖުބޫރުކޮށް، މީގެ ކުރިން އޮތް ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އިޚުތިޔާރު ވަނީ އުނިކޮށްފައެވެ. ހަމައެހެންމެ ގެސްޓްހައުސްތައް ހިމެނޭ ކެޓަގަރީ 'ބީ' އިން އަންނަ ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ ޖުމްލަ އާމްދަނީގެ 20 އިންސައްތަ މާރުކުރަން ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން، އެމްއެމްއޭގެ ހުއްދައާއި ލައިސަންސް ނެތި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތް ކުރުމާއި، ކަނޑައެޅިފައިވާ ރޭޓަށް ވުރެ ބޮޑު އަގުގައި ޑޮލަރު ގަނެވިއްކުމަށް ޑިޖިޓަލް މީޑިއާތަކުގައާއި ސޯޝަލް މީޑިއާގައި އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަކީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އަދި މިފަދަ ކަންކަން ކުރާ ފަރާތްތައް 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އުސޫލެއް ވަނީ އެކުލަވާލާފައެވެ.

ކަޅު ބާޒާރު ހުއްޓުވުމަށް ސަރުކާރުން އެކުލަވާލި ޚާއްސަ ޓާސްކް ފޯހުން ކުރިއަށްގެންދިޔަ އޮޕަރޭޝަންތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ޤަވާއިދާ ޚިލާފަށް ބޭރު ފައިސާ މާރުކުރަމުންދިޔަ 7 ތަނަކުން އެކަނިވެސް 76 މިލިއަން ޑޮލަރު ކަޅު ބާޒާރުގައި ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މި މުއާމަލާތްތަކުގައި ބައެއް ރިސޯޓު ޗެއިންތަކާއި ސިޔާސީ ދާއިރާގެ އިސް ފަރާތްތައް ޝާމިލުވާކަން ވެސް ވަނީ ހާމަވެފައެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ޑޮލަރުގެ އަގު ދަށްވެފައި ވީނަމަވެސް ބާޒާރުން ޑޮލަރު ލިބުމުގައި އަދިވެސް ބައެއް ދަތިތައް އެބަހުރި ކަމަށާއި، ނަމަވެސް ބޭރު ފައިސާގެ އާމްދަނީ ލިބޭ ވިޔަފާރިވެރިންނާ ގުޅިގެން މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ދިވެހި އިޤްތިޞާދު ހަމަމަގަށް އަޅުވައި، ޑޮލަރުގެ އަގު އެއްހަމައެއްގައި ހިފެހެއްޓުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް އެއްވެސް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.