ދިވެހިރާއްޖޭގެ ޒަމާންވީ ދިގު ތާރީޚުގައި ދިވެހި އުންމަތުން ނިންމި އެންމެ މުހިންމު ނިންމުމަކީ އަދި ހިނގައިދިޔަ އެންމެ ބޮޑު ތާރީޚީ ހާދިސާއަކީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތު ޤަބޫލުކުރުން ކަމަށާއި، ދިވެހި ޤައުމިއްޔަތުގެ އެންމެ އިސް ބަހާއަކީ އަދި މައިގަނޑު ބިންގަލަކީ މާތްވެގެންވާ އިސްލާމްދީން ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ކީރިތި މަހާރަދުން ސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ (ދަރުމަވަންތަ ރަސްގެފާނު) މި ފަސްގަނޑުގައި އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުއްވި ދުވަހަކީ މި ކުޑަކުޑަ ދިވެހިރާއްޖޭގެ ޙަޔާތުގައި އައި އެންމެ މަތިވެރި، އިންގިލާބީ ދުވަސް ކަމަށެވެ. އެ ދުވަހު ރާއްޖެ އިސްލާމް ދީނަށް އެނބުރިގަތް ނިންމުމަކީ މުޅި ދިވެހި ޤައުމުގެ މިސްރާބު އަބަދަށްޓަކައި ބަދަލުކޮށްލި އެންމެ މުޤައްދަސް ނިންމުން ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
އިސްލާމްދީނުގެ ސަބަބުން ދިވެހި މުޖުތަމަޢަށް އައި ހެޔޮ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ދިވެހިންގެ ސަގާފަތާއި، ތާރީޚާއި، އިޖުތިމާޢީ މިންގަނޑުތަކާއި، އަދަބު އިޙުތިރާމްގެ ހަމަތަކާއި، މެހެމާންދާރީގެ އާދަކާދަތަކުގެ އިތުރުން ޢަދުލުއިންސާފު ޤާއިމުކުރުމާއި ޢާއިލީ ދިރިއުޅުމުގެ އެންމެހައި ކަންކަން ބިނާވެގެން ދިޔައީ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. މި މަތިވެރި ހަމަތަކުގެ މައްޗަށް ބިނާވެ، މި ފަސްގަނޑުގައި ޚާއްޞަ އިސްލާމީ ދިވެހި ސަގާފަތެއް އުފަންވެ އަށަގެންފައިވާ ކަމަށާއި، ދިވެހިންގެ ވިސްނުމަށާއި، ވާހަކަދައްކާ ބަހަށާއި، އަދަބިއްޔާތަށް ވެސް މިކަމުގެ ސަބަބުން ފުން އަދި ހެޔޮ އަސަރުތަކެއް ކޮށްފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އެހެންކަމުން، ދިވެހި ޤައުމިއްޔަތާއި ޝަޚުޞިއްޔަތު ވަކިނުކުރެވޭނެ ފަދަ ގޮތަކަށް ގުޅިލާމެހިފައިވަނީ އިސްލާމްދީނާ ކަމުގައި ވަޒީރު ސިފަކުރެއްވިއެވެ.
ރާއްޖޭގެ ތާރީޚީ ފުނަށް ބައްލަވާލައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި ކުރެވިފައިވާ އާކިއޮލޮޖިކަލް ދިރާސާތަކާއި ތާރީޚީ ހޯދުންތަކުގެ އަލީގައި، ރާއްޖޭގެ އެންމެ ޤަދީމީ މާޒީގެ މައްޗަށް މުހިންމު އަލިކަމެއް ލިބިފައިވާ ކަމަށެވެ. އަދި ދިވެހިރާއްޖެއަކީ އެތައް ހާސް އަހަރެއްވީ މުއްސަނދި އަދި ދިގު ތާރީޚެއް އޮތް ދައުލަތެއްކަން އެ ހޯދުންތަކުން ސާބިތުވާ ކަމަށް ވިދާޅުވިއެވެ. ރާއްޖެ އިސްލާމްވުމާ ގުޅިގެން، ޤައުމަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ހެޔޮ ބަދަލުތައް ތާރީޚުގެ ސަފުހާތަކުގައި ރައްކާތެރިކުރެވިފައިވާ ކަމަށާއި، މިއީ ދިވެހިވަންތަކަމާއި ދިވެހި ޝަޚުޞިއްޔަތު އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓުމަށާއި ނެގެހެއްޓުމަށްޓަކައި ކޮންމެހެން އެނގެންޖެހޭ މުހިންމު މަޢުލޫމާތުތަކެއް ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ތާރީޚާއި ސަގާފަތުގެ ދާއިރާއިން އަދިވެސް އިތުރު ފުޅާ ދިރާސާތަކެއް ކުރަންޖެހިފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މިފަދަ ޢިލްމީ ދިރާސާތައް އަމިއްލައަށް ކުރުމުގެ ފުރިހަމަ ޤާބިލުކަމާއި ހުނަރު ލިބިފައިވާ ދިވެހި ދަރިން ބިނާކުރުމަށްޓަކައި މި ސަރުކާރުން އިސްނަންގަވައިގެން ޚާއްޞަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ، ދިވެހި ޤައުމިއްޔަތާއި ތަރިކަ ދިރުވައި އާލާކުރެއްވުމަށްޓަކައި ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތައް ފާހަގަކުރައްވައި، މި ދާއިރާއަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވައިގެން ސިޔާސަތުތައް އެކަށައަޅުއްވައި ތަންފީޒުކުރައްވަމުން ގެންދަވާ ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވަމުންނެވެ.