MTCC

ވަޤުފު މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ސަރުކާރުގެ ކުންފުންޏެއް އުފައްދައިފި

IMG_8296

ވަޤުފު މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ސަރުކާރުގެ ކުންފުންޏެއް އުފައްދައިފި

SHARE

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފު ބިނާތަކާއި މިސްކިތްތައް ޤާއިމުކޮށް ތަރައްޤީކުރުމަށްޓަކައި، "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވައިފިއެވެ.

މި ކުންފުނި އުފައްދަވާފައިވަނީ ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު) ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، ނަންބަރު 2026/14 ރައީސްގެ ޤަރާރުންނެވެ.

ރައީސް އޮފީހުން މަޢުލޫމާތު ދިން ގޮތުގައި، މި ކުންފުނި އުފެއްދުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ އެކިއެކި ކަންކަމަށް ދެމެހެއްޓެނިވި ގޮތެއްގައި ހޭދަކުރުމެވެ. އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފު އިމާރާތްތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ އެންމެހައި އިންތިޒާމުތައް މި ކުންފުނީގެ ދަށުން ހަމަޖެހިގެންދާނެއެވެ.

މީގެ އިތުރުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، މިސްކިތްތަކުގެ އާބާތުރަ ފިލުވައި މަރާމާތުކުރުމުގެ މަސައްކަތްތަކުގެ އިތުރުން، މިސްކިތްތަކަށް ބޭނުންވާ ޒަމާނީ އެންމެހައި ވަސީލަތްތައް ޤާއިމުކޮށް ތަރައްޤީކުރުމަކީވެސް މި ކުންފުނީގެ މުހިންމު މަސްއޫލިއްޔަތެކެވެ.

ހަމައެއާއެކު، އިސްލާމީ ޝަރީޢަތް ހުއްދަކުރާ މިންގަނޑުތަކުގެ ތެރެއިން ވިޔަފާރީގެ ތަފާތު ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގައި، އޭގެ މަންފާ ދީނީ އަދި އިޖުތިމާޢީ ކަންކަމަށް ލިބިދިނުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ވެސް "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް" އިން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.