ވެރިރަށް މާލެއަށް ދިމާވެފައިވާ ޕާކުކުރުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ހީނާމާގޭ ބިމާއި ސޯސަން މަގުގައި އުސް ޕާކިން އިމާރާތްތަކެއް އެޅުމަށް ނިންމައި، އެ މަސައްކަތްތައް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ސަރުކާރުން ފަށައިފިއެވެ.
މިކަމާ ގުޅޭ ތަފުސީލު ހާމަކުރައްވަމުންމިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވީ، ހީނާމާގޭގައި ހަދާ ޒަމާނީ ޕާކިން އިމާރާތުގެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް މިހާރު ކަނޑައެޅިފައިވާ ކަމަށެވެ. އަދި އަންނަ ހަފުތާގެ ތެރޭގައި އެ ފަރާތާއެކު އެއްބަސްވުމުގައި ސޮއިކޮށް، އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ސޯސަން މަގުގައި ހުންނަ ގައުމީ ޔުނިވަރސިޓީ ކައިރީގައި އޮތް ހުސްބިމުގައި ވެސް ޕާކިން ބިލްޑިންއެއް އެޅުމަށް ކޮންޓްރެކްޓަރަކާ ވާހަކަދައްކަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ދެ މަޝްރޫއު ވެސް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް މުޅިން ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.
"މާލޭން ހީނާ މާގޭ ޕާކިންގައި ޒަމާނީ ބިލްޑިންއެއް އެޅުމަށް ބަޔަކު އައިޑެންޓިފައި ކުރެވި، މުއާމަލާތުތައް ފެށިފައިވަނީ، ކުރިއަށް އޮތް ހަފްތާގައި އެފަރާތާއެކު އެއްބަސްވުމަކާ ހަމައަށް އާދެވި މަސައްކަތް ފެށިގެންދާނެ، ދެ ވަނަ ބިމެއްގެ ގޮތުގައި ސޯސަން މަގު ޕާކިން ޒޯން ކަނޑައަޅައި ބަޔަކާ ވާހަކަދައްކައިގެން އެ މަސައްކަތްތައް ވެސް ވަރަށް އަވަހަށް ފެށިގެންދާނެ." ސައީދު ވިދާޅުވިއެވެ.
ގްރޭޓާ މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ޖުމްލަ 7 ޕާކިން އިމާރާތެއް އެޅުމަށް ސަރުކާރުން ވަނީ ރާވާފައެވެ. މި މަޝްރޫއުތައް ނިމުމުން ކާރު ފަދަ ހަތަރު ފުރޮޅުލީ އުޅަނދުތަކަށް 2،600 އަށް ވުރެ ގިނަ ސްލޮޓް ލިބިގެންދާއިރު، ސައިކަލު ފަދަ ދެ ފުރޮޅުލީ އުޅަނދުތަކަށް 1،000 ސްލޮޓް ލިބިގެންދާނެއެވެ.
މި އިމާރާތްތަކުން ޖާގަ ދޫކުރުމުގައި އާންމުންގެ އަތްފޯރާ ފަދަ ލުއި އަގުތަކެއް ކަނޑައަޅާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ. ހަމައެއާއެކު، މާލޭގެ ޓްރެފިކް ބެލެހެއްޓުން ހަރުދަނާ ކުރުމަށްޓަކައި ހާއްސަ މޮނިޓަރިން ސެންޓަރެއް ގާއިމުކުރުމުގެ އިތުރުން، ބީއެމްއެލް ކުރިމަތީގައިވާ ޕާކިން ޒޯނުގެ ހިދުމަތްތައް ޑިޖިޓަލްކޮށް ތަރައްގީކުރުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށް ސައިދު ވަނީ ވިދާޅުވެފައެވެ.