MTCC

މޯބިލިޓީ އޮފީހުން 3 އަހަރު ތެރޭ 11 މައްސަލައަކަށް ހައްލު ހޯދަނީ

b_202604141212121776150732.7971

މޯބިލިޓީ އޮފީހުން 3 އަހަރު ތެރޭ 11 މައްސަލައަކަށް ހައްލު ހޯދަނީ

SHARE

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން އަލަށް އުފައްދަވާ މޯބިލިޓީ އޮފީހުގެ އެހީގައި، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ޓްރެފިކާ ގުޅުންހުރި މުހިންމު 11 މައްސަލައެއް ހައްލުކުރުމަށް އަމާޒު ހިފާފައިވާ ކަމަށް މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، އެއްގަމު ދަތުރުފަތުރާ ގުޅޭ ޚިދުމަތްތައް ހޯދުމުގައި އެކި މުއައްސަސާތަކަށް ދާންޖެހުމުގެ ސަބަބުން ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކަށް ނިމުމެއް ގެނައުމަކީ މި އޮފީސް އުފެއްދެވުމުގެ މައިގަނޑު އެއް ބޭނުމެވެ. އެހެންކަމުން، ސަރުކާރުގެ ވިސްނުމަކީ މި ހުރިހާ ޚިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމެވެ.

ޤާނޫނީ ބާރުވެރިކަން ލިބިގެން އެކުލަވާލެވޭ މި އޮފީހުގެ އެޑްވައިޒަރީ ކައުންސިލާއެކު، ކަންކަން އަވަހަށް ނިންމުމުގެ ޤާބިލުކަން ލިބިގެންދާނެ ކަމަށާއި، މި ބަދަލުތަކުގެ ސަބަބުން މާލޭގެ މަގުތަކަކީ އަމާން އަދި ހިތްފަސޭހަ ތަނަކަށް ވެގެންދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

މި އަމާޒަށް ވާސިލުވުމަށްޓަކައި ރޭވިފައިވާ މުހިންމު ކަންކަމުގެ ތެރޭގައި މާލެއާއި ހުޅުމާލެއާ ދެމެދު ދެވޭ ސްކޫލު ބަހުގެ ޚިދުމަތް އިތުރަށް ފުޅާކުރުމާއި، މަގުމަތީގެ އަމާންކަން ބެލެހެއްޓުމަށް ފުލުހުންގެ އަދަދު އިތުރުކޮށް، ހަރަކާތްތެރިވާ މިންވަރު މަތިކުރުމުގެ އިތުރުން މާލެ ސަރަޙައްދުގެ ޓްރެފިކް ބެލެހެއްޓުމަށް ޒަމާނީ ޓެކްނޮލޮޖީއާއެކު ޚާއްޞަ މޮނީޓަރިންގ މަރުކަޒެއް ޤާއިމުކޮށް، ޓްރެފިކް ރީޑައިރެކްޓް ކުރުން ހިމެނެއެވެ،

ސައީދު ވިދާޅުވީ، ޤާނޫނުގައި ބަޔާންކުރާ ތިން އަހަރުގެ މުއްދަތުގެ ތެރޭގައި މި 11 މައްސަލައަށް ފުރިހަމަ ހައްލެއް ލިބި، މާލޭ ސަރަޙައްދުގެ ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

"ގްރޭޓާ މާލޭ މޯބިލިޓީ އޮފީސް އެއީ މިދަންނަވާ ރެޖިސްޓްރޭޝަން ކޮންޓްރޯލް ޒޯނުގެ ހުރިހާ ކަމެއް އެޑްމިނިސްޓަރ ކުރުމަށް ގާއިމުކުރެވިގެންދިޔައީމާ ޖުމްލަ 11 މައްސަލައަކަށް ހައްލު ހޯދުމަަށް އެ އޮފީހުން މަސައްކަތްކުރާނެ." ސައީދު ވިދާޅުވިއެވެ.

މާލެއަކީ ބޮޑު އާބާދީއެއް އޮތް އަދި ގިނަ ބަޔަކު ޚިދުމަތް ހޯދަން ޒިޔާރަތްކުރާ ސަރަޙައްދަކަށް ވާތީ، ޓްރެފިކް މައްސަލަ ހައްލުކުރެވޭނީ ސަރުކާރުގެ އެކި އިދާރާތައް ގުޅިގެން ކަމަށް ރައީސް ޤަބޫލުފުޅުކުރައްވާ ކަމަށް ސަޢީދު ވިދާޅުވިއެވެ. އަދި މި އަހަރު ފެށުމަށް ހަމަޖެހިފައިވާ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢާއެކު، ހުރިހާ ރައްޔިތުންނަށް މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ އެންމެ ބޮޑު އެއް އަމާޒު ކަމުގައި ސައީދު ފާހަގަކުރެއްވިއެވެ.