އަމީނީ މަގު އަލުން ޒަމާނީ ފެންވަރަށް މަރާމާތުކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އެ މަގުގެ ސެގްމެންޓް 1 ގައި ތާރުއެޅުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ނިމި، މި ހަފުތާގެ ތެރޭގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މި މަސައްކަތް ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވީ، ސެގްމެންޓް 1 ގައި އޭބީސީ އެޅުމާއި، ޕްރައިމް ކޯޓު ސްޕްރޭކުރުމުގެ މަސައްކަތްތައް މިދިޔަ ހަފުތާގެ ތެރޭގައި ކާމިޔާބުކަމާއެކު ނިންމާލެވިފައިވާ ކަމަށެވެ. އަދި މިހާރު ތައްޔާރުވަމުންދަނީ އެ ބައިގެ އެންމެ މަތީ ފަށަލައިގައި ތާރުއެޅުމުގެ މަސައްކަތް މި ހަފުތާ ތެރޭގައި ފެށުމަށް ކަމަށްވެސް އެ ކުންފުނިން މައުލޫމާތުދެއެވެ.
މި މަޝްރޫއުގެ ދަށުން ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސަރަހައްދު އަލުން ހެދުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން މިހާރު މަސައްކަތް ކުރިއަށްދާ ސެގްމެންޓް 1 އަކީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ ޕާކާ ހަމައަށް އޮންނަ ސަރަހައްދެވެ. މީގެ އިތުރުން މަގުގެ ބަސް ހުއްޓިތައް ހުންނަ ސަރަހައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ހެޔޮ ބަދަލުތަކެއް ގެނައުމަށްވެސް ވަނީ ނިންމާފައެވެ.
ނިމިދިޔަ ސަރުކާރުން 84.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އަމީނީ މަގު ހަދައި، 2024 ވަނަ އަހަރުގެ ކުރީކޮޅު އެއްކޮށް ހުޅުވާލި ނަމަވެސް، މާ ގިނަ ދުވަސްތަކެއް ނުވެ އެ މަގުގައި ބޮޑެތި އަޑިގުޑަންތައް އުފެދި ހަލާކުވާން ފެށިއެވެ. ޚާއްސަކޮށް މާފަންނު ފުޑްކޯޓު ސަރަހައްދު ވަރަށް ބޮޑަށް ހަލާކުވެ، މަގު ބޭނުންކުރާ އާންމު ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހުމުން އައި ޝަކުވާތަކާ ގުޅިގެން، އެ ސަރަހައްދު އަލުން މަރާމާތުކުރުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ މަހުގެ 15 ގައެވެ.
މި މަސައްކަތް ހަވާލުކުރި ދުވަސްވަރު އެމްޓީސީސީން ބޮޑުތަކުރުފާނު މަގު ހެދުމުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދިއުމާ ގުޅިގެން އަމީނީ މަގުގެ މަސައްކަތް ވަގުތީ ގޮތުން މަޑުޖައްސާލުމަށްފަހު، މިހާރު މިވަނީ އެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް ގެންގޮސް ނިންމުމަކާ ހަމައަށް ގެނެސްފައެވެ.