MTCC

މާލެ ސަރަހައްދުގައި ޓްރެފިކް މޮނިޓަރިން ސެންޓަރެއް ގާއިމުކުރަނީ

large_178401194913ExuU

މާލެ ސަރަހައްދުގައި ޓްރެފިކް މޮނިޓަރިން ސެންޓަރެއް ގާއިމުކުރަނީ

SHARE

މާލެ ސަރަހައްދުގައި ދިމާވެފައިވާ ޓްރެފިކް ބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، މުޅި ސަރަހައްދުގެ ދަތުރުފަތުރު ވަގުތުން ވަގުތަށް މޮނިޓާކޮށް ބެލެހެއްޓޭނެ ޒަމާނީ ޓްރެފިކް މޮނިޓަރިން ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެކުލަވާލައި، އަލަށް ތަސްދީގުކުރި އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން މި މަޝްރޫއަކީ އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާނެ މަސައްކަތްކަމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްު މުހައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވީ، ބޭރުގެ އެހީ ހޯދައިގެން ނަމަވެސް މި ސެންޓަރު ވީހާވެސް އަވަހަކަށް ގާއިމުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ.

"މުޅި މާލެ އެެއްކޮށް ޓްރެފިކް މޮނިޓާކުރެވޭނެ ޒަމާނީ ޓްރެފިކް ސެންޓަރެއް ގާއިމްކުރުން، ރިއަލްޓައިމްކޮށް މޮނިޓާ ކުރެވޭނެ ޓްރެފިކް ސެންޓަރެއް ގާއިމްކުރުމަކީ މީގެ އެންމެ ވަރުގަދަ އެއް މަސައްކަތް.".ސައީދު ވިދާޅުވިއެވެ.

މި ސެންޓަރު ގާއިމުކުރެވުމުން ފުލުހުންނަށް ރިއަލްޓައިމްކޮށް މަގުތަކުގެ ހާލަތު ބަލައިލެވި، ތޮއްޖެހުން ބޮޑުވާ ވަގުތުތަކުގައި ޒަމާނީ ވަސީލަތްތަކުގެ އެހީގައި ފަސޭހަކަމާއެކު ޓްރެފިކް ރީޑައިރެކްޓް ކުރެވިގެންދާނެއެވެ. މީގެއިތުރުން، ދަތުރުފަތުރާ ގުޅޭ އެންމެހައި ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށްވެސް ސައީދު ފާހަގަކުރެއްވިއެވެ.

އާ ގާނޫނުގެ ދަށުން ގެންނަ މުހިންމު އިސްލާހުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ސައީދު ވިދާޅުވީ، މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ހިންގުމަށް "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޯބިލިޓީ އޮފީސް" ގެ ނަމުގައި ވަކި ހާއްސަ އިދާރާއެއް އުފައްދާނެ ކަމަށެވެ. އަދި މުޅި މާލެ ސަރަހައްދަކީ ވެހިކަލް ރަޖިސްޓްރީ ކުރުން ކޮންޓްރޯލް ކުރެވިފައިވާ ޒޯނަކަށް ބަދަލުކުރެވޭނެ ކަމަށާއި، އޭގެ މާނައަކީ ވެހިކަލް ރަޖިސްޓްރީ ނުކުރެވުން ނޫން ކަމަށާއި، އެކަން ހަރުދަނާ އުސޫލުތަކަކާއި ހަމަތަކެއްގެ މަތިން އިންތިޒާމުކުރުން ކަމަށްވެސް މިނިސްޓަރު ސާފުކޮށްދެއްވިއެވެ.

ޗައިނާ ސަރުކާރުގެ އެހީގައި މިއަހަރުގެ ތެރޭގައި މާލޭގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް އަލުން ހަދަން ފެށުމަށް ތައްޔާރުވަމުންދާއިރު، މަގުތަކުގެ ފެންވަރާއެކު ޓްރެފިކް މައްސަލައަށްވެސް ޒަމާނީ ހައްލެއް ގެންނަންޖެހޭ ކަމަށް ސައީދު ވިދާޅުވިއެވެ.

ހަމައެއާއެކު، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާމެދު ބޮޑެތި ޖޫރިމަނާތަކެއް ކަނޑައެޅިފައިވާކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ، މި ހުރިހާ ފިޔަވަޅުތަކެއްގެވެސް އެންމެ ބޮޑު މަގުސަދަކީ އާންމު ރައްޔިތުންގެ ފުރާނައާއި މުދަލުގެ ރައްކާތެރިކަން ދެމެހެއްޓުން ކަމަށެވެ.