ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ޒަމާނީ އަދި ހަރުދަނާ ސިޔާސީ އުކުޅުތަކުން ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފިލާވަޅު ނަންގަވަންޖެހޭ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ މައި ހަރުގޭގައި ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފަލާޙް ފާހަގަކުރެއްވި ގޮތުގައި، ޒަމާނަށް އައި ބަދަލުތަކާއެކު ރާއްޖޭގެ ސިޔާސީ މަސްރަޙަށް ވެސް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. އެހެންނަމަވެސް އިދިކޮޅު އިސް ލީޑަރުން ކަމަށްވާ ޔާމީނާއި ނަޝީދު އަދިވެސް އުޅުއްވަނީ މާޒީގެ ބާވަތުގެ ސިޔާސީ ވިސްނުމެއްގެ ތެރޭގައި ކަމަށާއި، ރައްޔިތުންނާ ގާތުން މަސައްކަތްކޮށް ގައުމުގެ ހަގީގީ ހާލަތު ދެނެގަތުމުގައި އެ ބޭފުޅުން ވަނީ ފަހަތަށް ޖެހިވަޑައިގެންފައި ކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާރު ރައީސް ޑރ. މުއިއްޒު ކިޔަވާ ވިދާޅުވާ ސިޔާސީ ފޮތުން، އެ ބޭފުޅުންވެސް އެބަ ޖެހޭ ފިލަވާޅު ނަންގަވަން އެއިރަށް ކުރިއަށް ކަނޑާނީ،". ފަލާހް ވިދާޅުވިއެވެ
ފަލާޙްގެ ވާހަކަފުޅުގައި 2008 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުންދާ އައު ގާނޫނުއަސާސީގެ ދަށުން އެއްވެސް ވެރިއަކަށް ދެވަނަ ދައުރެއް ރައްޔިތުން ދީފައިނުވާކަން ހަނދާންކޮށްދެއްވިއެވެ. މިއީ ސިޔާސީ ފަރާތްތަކުން ފުންކޮށް ވިސްނައި ދިރާސާކުރަންޖެހޭ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އަދި ރައީސް ޑރ. މުޢިއްޒު ތަފާތުވަނީ ސީދާ ރައްޔިތުންގެ ގާތަށް ވަޑައިގެން، އެމީހުންގެ އަޑުއައްސަވައިގެން ވެރިކަން ކުރައްވާތީ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން ފަލާޙް ވިދާޅުވީ، ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި ހަރުދަނާ އިސްލާހުތަކާއެކު ޑޮލަރުގެ ކަޅުބާޒާރުގެ އަގު ދަށަށް ދާން ފަށާފައިވާ ކަމަށެވެ. އެގޮތުން 23 ރުފިޔާގައި ހުރި ޑޮލަރުގެ އަގު މިހާރު 19.80 ރުފިޔާއަށް ތިރިވެފައިވާ ކަމަށާއި، މިއީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތައް ރަނގަޅު މަގުގައި ހުރިކަމުގެ ހެއްކެއް ކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ސަރުކާރު ހަވާލުވިއިރު ހުރި ރޭޓަށް ޑޮލަރުގެ އަގު ތިރިވެގެންދާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ.
"ބޭރުފައިސާގެ ގާނުނާއެކު ޑޮލަރުގެ އަގު 23 ގައި ހުއްޓާ މިހާރު އެހުރީ 19.80 ރުފިޔާއަށް ވެއްޓިފައި، ދުވަސްކޮޅެއް ނުވާނެ ޑޮލަރުގެ އަގު ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެލެއްވި އިރު ހުރި ރޭޓަށް ތިރިވާނެ،" ފަލާހު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ފަލާޙް ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޕީއެންސީގެ މެންބަރުން ބައިބައިކޮށްލުމަށް އިދިކޮޅު ފަރާތްތަކުން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބުނުވި ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުންނަށް ނުފޫޒު ފޯރުވުމުގެ ބަދަލުގައި، ރައީސް ޑރ. މުޢިއްޒު ދެއްވާ އިރުޝާދަކީ ގައުމާއި ދާއިރާތަކުގެ ތަރައްގީއަށް އިސްކަންދީގެން ހުރިހާ މެންބަރުންވެސް މަސައްކަތް ކުރެއްވުން ކަމުގައި ފާހަގަކުރެއްވިއެވެ. އެހެންކަމުން މަޖިލީހުގެ މެޖޯރިޓީ މެންބަރުން ތިއްބެވީ ރައީސުލްޖުމްހޫރިއްޔާއަށް ފުރިހަމަ އިތުބާރާއި ތާއީދު ދެއްވައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު، ވެރިކަންކުރާ ޕީއެންސީއަކީ ރާއްޖޭގެ މަލްޓި-ޕާޓީ ނިޒާމުގައި މިހާތަނަށް އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވާ ޕާޓީކަން ހާމަކުރައްވަމުން ފަލާޙް ވިދާޅުވީ، މިހާރު އެ ޕާޓީގެ މެންބަރުންގެ އަދަދު 77،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށެވެ. އަދި މި ކާމިޔާބީގެ ފަހަތުގައިވަނީ ރައީސް ޑރ. މުޢިއްޒު އިސްނަންގަވައިގެން ޕާޓީ ވަރުގަދަކުރުމަށް މުޅި ރާއްޖޭގައި ކުރިއަށްގެންދެވި ހަރަކާތްތައް ކަމަށް ފާހަގަކުރައްވައި، އެމަނިކުފާނަށް މަރުހަބާ ދެންނެވިއެވެ.