MTCC

ޔާމީނު މަގުމަތިވާން ޖެހުނީ އަނިޔާވެރިކަމާއި އަމިއްލަ އެދުން އިސްކުރުމުން: އަބްދުއްރަޙީމް

image_870x_6a9c64a42e82a

ޔާމީނު މަގުމަތިވާން ޖެހުނީ އަނިޔާވެރިކަމާއި އަމިއްލަ އެދުން އިސްކުރުމުން: އަބްދުއްރަޙީމް

SHARE

ރާއްޖޭގެ ވެރިކަމުގެ ބާރުތައް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ގެއްލިވަޑައިގަތީ، އެމަނިކުފާނުގެ ވެރިކަމުގައި ހިންގެވި ޚިޔާނާތްތަކާއި، އިންސާފުން ބޭރުވުމުގެ އިތުރުން އާއިލީ ނުފޫޒުތަކަށް ދީލައިލެއްވުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ހަރުގޭގައި ބޭއްވި ސިޔާސީ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވަނީ، ރައީސް ޔާމީން ދާދިފަހުން މި ސަރުކާރަށާއި ޕާޓީގެ އިސް ވެރިންނަށް އަމާޒުކުރައްވައި ދެއްކެވި ވާހަކަފުޅުތަކަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ. އެގޮތުން، ވެރިކަން ގެއްލިގެން ގޮސްފައިވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނޫން ކަމަށާއި، ރައްޔިތުން ވެރިކަމުން ބޭރުކޮށްލީ ސީދާ ރައީސް ޔާމީން ކަމަށް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީނުގެ ވެރިކަން ނިމުމަކަށް އައުމުގެ ސަބަބުތައް ތަފްސީލުކޮށްދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، ދައުލަތުގެ ބައިތުލްމާލު ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ރައްޔިތުންނަށް އަނިޔާވެރިވުމާއި، ގޮތްދޫނުކުރުމުގެ ސިޔާސަތުގެ އިތުރުން އަނބިކަނބަލުންގެ ބަހަށް ހެއްލި ވެރިކަން ހިންގަން އުޅުމަކީ އެމަނިކުފާނުގެ ސިޔާސީ ހަޔާތް އެފުށްމިފުށަށް ޖަހައިލި މައިގަނޑު ކަންކަން ކަމަށެވެ.

"ވެރިކަން ނިމުނީ ބޮޑާކަމުން. ވެރިކަން ނިމުނީ ކިބުރުވެރިކަމުން. ވެރިކަން ނިމުނީ ނުލަފާކަމުން. ވެރިކަން ނިމުނީ ބަސްނޭހީމާ. ވެރިކަން ނިމުނީ އަދުލުއިންޞާފު ޤާއިމުނުކުރީމާ. ވެރިކަން ނިމުނީ އަނިޔާވެރިވީމާ. ވެރިކަން ނިމުނީ ޚިޔާނާތްތެރިވީމާ. ވެރިކަން ނިމުނީ ދިވެހި ރައްޔިތުންގެ ބޭތުލްމާލު ދިރުވާލީމާ. ވެރިކަން ނިމުނީ އަނބިމީހާގެ ދަށުވީމަ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެއިތުރުން، ޕީއެންސީގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުންނަށް ރައްޔިތުންގެ ތާއީދެއް ނެތް ކަމަށް ދޭހަވާ މޭރުމަކުން ޔާމީން ދެއްކެވި ވާހަކަތަކަށް ވެސް އަބްދުއްރަހީމް ވަނީ ރައްދު ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، މަޖިލިސް މެންބަރު އިބްރާހީމް ފަލާޙާއި އެމަނިކުފާނު ފަދަ ބޭފުޅުން މިއަދު ދައުލަތުގެ މަތީ މަގާމުތަކުގައި ޚިދުމަތުގައި ދެމިތިއްބެވީ ރައްޔިތުން ވޯޓު ދީގެން ކަމަށެވެ. އަދި އޭގެ އިދިކޮޅަށް، ރައީސް ޔާމީނަށް ސިޔާސީ ބާރުތައް ގެއްލި، ގޭގައި ހުންނަވަން ޖެހިވަޑައިގަތީ ރައްޔިތުން އެމަނިކުފާނު ބަލައިނުގަނެ، ވޯޓުން ބާކީކޮށްލުމުން ކަމަށް ވިދާޅުވެ އަބްދުއްރަހީމް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

އަބްދުއްރަޙީމް އިތުރަށް ވިދާޅުވީ މި މަހުގެ 15 އިން 18 އަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ޕީއެންސީގެ މަތީ މަޖިލިސް ނިމޭއިރު 2028 އަށް އެކުލަވާލާ ރައީސް މުއިއްޒުގެ ކެމްޕެއިން ޓީމް އެކުލަވާލާ ނިންމާނެކަމަށާއި. ރައްޔިތުންގެ މަޖިލިސް ބައިބައި ނުކުރެވޭނެކަމަށެވެ. އަދި ރައީސް މުއިއްޒަށް ދެ ވަނަ ދައުރެއް ހޯއްދަވައިދެއްވުމަށް އެމަނިކުފާނު ހުންނެވީ ފިސާރި ގަދަކޮށްކަމަށް ވަނީ ވިދާޅުވެފައެވެ.