MTCC

ގަވާއިދާ ހިލާފަށް އުޅުނު 13 ބިދޭސީއަކު އަތުލައިގެންފި

HRYGaBXaoAAIsB9-1536x994

ގަވާއިދާ ހިލާފަށް އުޅުނު 13 ބިދޭސީއަކު އަތުލައިގެންފި

SHARE

މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން، އިއްޔެ ހިންގި ރެއިޑް އޮޕަރޭޝަނެއްގައި 13 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯސްއިން އިއްޔެ މާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ ބޮޑު އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ ތެރެއިން ޖުމްލަ 426 ބިދޭސީންގެ ލިޔެކިޔުންތައް ބަލައި ފާސްކޮށްފައިވެއެވެ.

އެގޮތުން ބެލި ބެލުމުން، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަކަން ފާހަގަކުރެވުނު 13 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް، އެ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ގައުމީ ބޮޑު މައްސަލައެއްގެ ގޮތުގައި ބަލައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ މާލެއާއި އަތޮޅުތެރޭގައި މިފަދަ ގިނަ އޮޕަރޭޝަންތަކެއް ސިލްސިލާކޮށް ކުރިއަށް ގެންދަން ފަށާފައެވެ. މިގޮތުން ވޭތުވެދިޔަ އަހަރާއި މި އަހަރުގެ ތެރޭގައި ހިންގި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

އިމިގްރޭޝަނުން އިތުރަށް ބުނީ، މިފަދަ އޮޕަރޭޝަންތަކުގައި އަތުލައިގަނެ، ޑިޓެންޝަން ސެންޓަރުގައި ބަންދުކުރެވޭ މީހުން ގާނޫނީ ހަމަތަކުގެ މަތިން އެ މީހުންގެ ގައުމުތަކަށް އަނބުރާ ފޮނުވާލުމުގެ (ޑީޕޯޓްކުރުމުގެ) މަސައްކަތް ވެސް މެދުކެނޑުމެއްނެތި ކުރަމުން އަންނަ ކަމަށެވެ.