MTCC

މިއަހަރު ހިމަބިހި ޖެހުނު މީހުންގެ އަދަދު 250 އިން މައްޗަށް

697d4fcbb576fc317ba4cabb_measles-kid

މިއަހަރު ހިމަބިހި ޖެހުނު މީހުންގެ އަދަދު 250 އިން މައްޗަށް

SHARE

މި އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި (މީސަލްސް) ޖެހުނު މީހުންގެ އަދަދު 250 އަށް ވުރެ މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން އެކަނިވެސް ހިމަބިހީގެ އިތުރު ވޭދަނަތަކެއް ވަނީ ރިޕޯޓްކޮށްފައެވެ. އެއާއެކު މިއަހަރު މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 252 އަށް އަރާފައެވެ.

ރާއްޖެއިން ހިމަބިހި އެއްކޮށް ނައްތާލެވިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން 2017 ވަނަ އަހަރު ކަނޑައެޅި ނަމަވެސް، އޭގެ ފަހުން 2020 އަދި 2023 ވަނަ އަހަރުވެސް ރާއްޖެއިން މި ބަލީގެ ކޭސްތައް ފެނިފައިވެއެވެ. އަދި މި އަހަރުގެ ތެރޭގައި ބަލި ޖެހޭ މީހުންގެ އަދަދު މިވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ.

ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އެޗްޕީއޭއިން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،216 މީހަކަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައެވެ. އަދި ހިމަބިހީގެ ދެ ޑޯޒް ފުރިހަމަނުވާ ފަރާތްތަކާއި، ބަލި ޖެހިފައިވާ މީހަކާ ގާތުން ދިމާވެފައިވާ (އެއްތާވި) ފަރާތްތަކުން ލަސްނުކޮށް ވެކްސިން ފުރިހަމަ ކުރުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.

ވެކްސިން ދިނުމުގެ އިންތިޒާމުތައް އަތޮޅުތަކުގެ ސިއްހީ މަރުކަޒުތަކާއި މާލެ ސަރަހައްދުގެ އެކި ހޮސްޕިޓަލްތަކުގައި މިހާރު ވަނީ ހަމަޖައްސާފައެވެ.

މާލެ ސަރަހައްދުގައި އާންމުކޮށް ވެކްސިން ޖަހައިދޭ ގަޑިތައް:

  • ދަމަނަވެށި (ޔޫޕީއެޗްސީސީ): އާދިއްތައިން ބުރާސްފައްޗަށް، ހެނދުނު 8:30 އިން މެންދުރު 12:00 އަށް
  • ހުޅުމާލޭ ހޮސްޕިޓަލް: އާދިއްތަ، ހޯމަ، އަންގާރަ (ހެނދުނު 9:00 އިން 11:00 އަށް) އަދި ބުދަ، ބުރާސްފަތި، ހޮނިހިރު (މެންދުރުފަސް 13:00 އިން 15:00 އަށް)
  • ސެނެހިޔާ ހޮސްޕިޓަލް: އާދިއްތައިން ބުރާސްފައްޗަށް، ހެނދުނު 10:00 އިން ހަވީރު 16:00 އަށް
  • ވިލިމާލެ ހޮސްޕިޓަލް: އާދިއްތައިން ބުރާސްފައްޗަށް، މެންދުރުފަސް 13:30 އިން 15:30 އަށް

ބަލިޖެހުނު މީހުންނާ އެއްތާވި ފަރާތްތަކަށް ހާއްސަ ވެކްސިން ގަޑިތަކަށް ބަލާއިރު، ދަމަނަވެށި (ޔޫޕީއެޗްސީސީ) އާދިއްތައިން ބުރާސްފައްޗަށް، މެންދުރުފަސް 14:00 އިން 15:30 އަށް ހިދުމަތްދޭން ނިންމާފައިވާއިރު، ހުޅުމާލޭ ހޮސްޕިޓަލުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 11:00 އަށް ވެކްސިން ޖަހާނެއެވެ.

މި ބަލިން ރައްކާތެރިވުމަށް ވެކްސިން ފުރިހަމަކުރުމަކީ މުހިންމު ކަމެއް ކަމުގައިވާތީ، ވީހާވެސް އަވަހަށް ކަނޑައެޅިފައިވާ މަރުކަޒުތަކަށް ވަޑައިގެން ވެކްސިން ޖެއްސެވުމަށް ސިއްހީ އިދާރާތަކުން ބާރުއަޅައެވެ.