MTCC

ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރުކުރަން ރައީސްގެ އިލްތިމާސް

large_thumb_1787764300199

ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރުކުރަން ރައީސްގެ އިލްތިމާސް

SHARE

މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓްތަކާއި އުސް އިމާރާތްތަކުން ވެއްޓި ހިނގާ ހިތާމަވެރި ހާދިސާތަކުން ރައްކާތެރިވުމަށް މުޅި މުޖުތަމައު ހޭލުންތެރިކުރުވުމުގެ މަސައްކަތް ވަރުގަދަކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ފޭސް 2 ގައި ހިނގި އެކްސިޑެންޓެއްގައި ޒަޚަމްވި ކުއްޖަކާއި، އުސް އިމާރާތަކުން ވެއްޓުނު ކުޑަކުއްޖަކު ނިޔާވުމާ ގުޅިގެން ރައީސް ހިއްސާކުރެއްވި މެސެޖެއްގައި އެ ދެ ހާދިސާއާ ގުޅިގެން ފުން ހިތާމައެއް ލިބިވަޑައިގެންނެވިކަން ހާމަކުރައްވަމުން، ރައީސް ވަނީ ވަކިވެދިޔަ ދެ ކުދިންގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރެއްވުން އެދި ދުޢާކުރައްވައި، ހިތާމައިގައިވާ ދެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މިފަދަ ހިތާމަވެރި ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ހޭލުންތެރިކަން އިތުރުކުރުމަކީ ގައުމީ ފެންވަރުގައި އަދި އިންސާނިއްޔަތަށްޓަކައި އެންމެން ގުޅިގެން ކުރަންޖެހޭ ކަމެކެވެ. ވަކިން ހާއްސަކޮށް، އުސް އިމާރާތްތަކުގެ ކުޑަދޮރުތަކާއި، ބެލްކަނީގެ ރެއިލިންގ ފަދަ ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ތުއްތުކުދިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން ނަފްސާނީ ބަލިތައް ތަހައްމަލުކުރަމުންދާ މީހުން ބެލެހެއްޓުމުގައި، އެފަދަ ފަރާތްތައް ދިރިއުޅޭ ގޭބިސީތަކާއި އިމާރާތްތަކުގެ ވެރިން ޒިންމާދާރުކަމާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

ރައީސް މުޢިއްޒު ވަނީ ސަރުކާރުގެ އިދާރާތަކާއި، ކުންފުނިތަކާއި، މަދަނީ ޖަމިއްޔާތަކުގެ އިތުރުން ވަކިވަކި ފަރުދުން ގުޅިގެން، މަގުމައްޗާއި ދިރިއުޅޭ ވެށީގެ އަމާންކަން ކަށަވަރުކުރުމަށްޓަކައި ހޭލުންތެރިކަން އުފެއްދުމުގެ ހަރުދަނާ ޕްރޮގްރާމްތަކެއް ހިންގުމަށް އިލްތިމާސްކުރައްވާފައެވެ.