ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ބޮޑުކަންނެލި ޕްރޮސެސްކުރުމަށް ހުޅުމާލޭގައި ތަރައްޤީކުރާ 100 ޓަނުގެ ޕެކިން ފެސިލިޓީގެ އެންމެ ތިރީ ފަންގިފިލާގައި ޒަމާނީ ފެންވަރުގެ މަސް މާރުކޭޓެއް ޤާއިމުކުރުމަށް ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.
ވަޒީރު ވިދާޅުވީ، ބޮޑުކަންނެލި މަސްވެރިން ބާނާ މަސް ސަރުކާރުގެ ކުންފުނި މިފްކޯއަށް ގަތުމާއި، މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ މުހިންމު ވައުދުފުޅެއް ކަމަށެވެ. އަދި މި ވައުދުގެ ދަށުން މިހާރު މިފްކޯއިން ބޮޑުކަންނެލި ގަންނަން ފަށާފައިވާތީ، އެ މަސް ޕްރޮސެސްކުރުމަށްޓަކައި ޚާއްޞަ ފެސިލިޓީއެއް އެޅުމުގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުންފުންޏަކާ ޙަވާލުކުރެވިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"އެ ފެސިލިޓީއާއެކު ހުޅުމާލޭގައި މަސް މާރުކޭޓުވެސް ތަރައްގީކުރެވިގެންދާނީ ހަމަ މިއިމާރާތުގެ ތިރީގައިކަން އަޅުގަނޑު ފާހަގަކޮށްލަން،" ވަޒީރު ވިދާޅުވިއެވެ.
މި ޕްރޮޖެކްޓުގެ ދަށުން ހުޅުމާލޭގައި ޢިމާރާތްކުރަނީ ގްރައުންޑް ފްލޯގެ އިތުރުން ހަތް ފަންގިފިލާއާއި ޓެރަސް ހިމެނޭ ބޮޑު އިމާރާތެކެވެ. މީގެ ތެރޭގައި ހިމެނޭ ބައިތަކަކީ:
- ގްރައުންޑް ފްލޯ: ޒަމާނީ މަސް މާރުކޭޓު
- އެއްވަނަ ފަންގިފިލާ: 100 ޓަނުގެ ޕެކިން ފެސިލިޓީ
- ފަސް ފަންގިފިލާ: ކޯލްޑް ސްޓޮރޭޖު (މަސް ރައްކާކުރާ ބައި)
- އިދާރީ ބައި: އޮފީސްތަކަށް ޚާއްޞަ ޖާގަ
- ޓެރަސް: ކެފެޓީރިއާ
މި އިމާރާތް ފަރުމާކޮށްފައިވަނީ މިފްކޯގެ އޮޕަރޭޝަންތަކުގެ އިތުރުން، ޢާންމު ރައްޔިތުންނަށްވެސް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ގިނަ ޚިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ފަދަ ގޮތަކަށެވެ.
ބޮޑުކަންނެލި މަސްވެރިންގެ ފަރާތުން ޒަމާނުއްސުރެ އަންނަ އެންމެ ބޮޑު ޝަކުވާއަކީ ސަރުކާރުގެ ކުންފުނިން ކަންނެލި ނުގަންނަ މައްސަލައެވެ. ނަމަވެސް، މި ސަރުކާރުން ވަނީ މަސްވެރިންގެ އެ ކަންބޮޑުވުމަށް ޙައްލު ހޯދައިދީ، މަސް ގަތުމުގެ އިތުރުން ފަސޭހަކަމާއެކު އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމުވެސް މިހާރު ހަމަޖައްސައިދީފައެވެ.