ސިނަމާލެ ބްރިޖުމަތީގައި އާންމުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް، ބޭއަދަބީކޮށް ސައިކަލު ދުއްވި މީހަކު ހޯދައި، އޭނާއަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅައިފި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައީ، ބްރިޖު މަތިން ސައިކަލެއްގައި ދިޔަ މީހަކު ހުންގާނުން އެއް އަތް ދޫކޮށްލައި، ސައިކަލުގެ އެއްފަރާތަށް ދެފައި ވައްޓާލައިގެން ވަރަށް ފަރުވާކުޑަކޮށް ދުއްވާފައިދާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވުމާ ގުޅިގެންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ވީޑިއޯ ފުލުހުންގެ ސަމާލުކަމަށް އައުމާއެކު މައްސަލަ ތަހުގީގުކޮށް، އުޅަނދު ދުއްވަން އިން މީހާއާއި އެ ސައިކަލު ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފަށް ނުރައްކާތެރިކޮށް އުޅަނދު ދުއްވުމުގެ ސަބަބުން، އެ މީހާގެ ލައިސަންސް ހިފަހައްޓައި، ޖޫރިމަނާ ކުރުމުގެ އިތުރުން، އޭނާ ދުއްވި ސައިކަލު 30 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް (ޓޯ) ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
އާންމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި މިފަދަ ނުރައްކާތެރި އަމަލުތައް ހިންގުމަކީ ދުއްވާ މީހާގެ އިތުރުން މަގު ބޭނުންކުރާ އެހެން ރައްޔިތުންގެ ފުރާނައަށް ވެސް އޮތް ބޮޑު ނުރައްކަލެކެވެ. ސިނަމާލެ ބްރިޖުގައި ނުރައްކާތެރިކޮށް ދުއްވާ މައްސަލަތައް ފުލުހުން ވަރަށް ސީރިއަސްކޮށް ބަލަމުން އަންނައިރު، މިދިޔަ ޖުލައި މަހުގެ ތެރޭގައި ވެސް ބްރިޖުމަތީގައި ބާރު ސްޕީޑުގައި ރޭސްޖެހި މައްސަލައެއްގައި މީހަކު ޖޫރިމަނާކޮށް ސައިކަލު ޓޯކޮށްފައިވެއެވެ.