މަގުމަތީގެ ޓްރެފިކް ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު ފިލަން އުޅުނު މީހާގެ ވަނަވަރު އާންމުކޮށްފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ފަރެސްމާތޮޑާ، ހަތި، އުމުރުން 23 އަހަރުގެ ސާއީން އަބްދުލްގައްޔޫމެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި ހާދިސާ ހިނގާފައި ވަނީ އިއްޔެ ހަވީރު 5:34 ހާއިރު، މަޖީދީމަގާއި ޗާންދަނީ މަގު ގުޅޭ ކަންމަތީގައެވެ. ޑިއުޓީގައި ހުރި ޓްރެފިކް ފުލުސް މީހާގެ ގައިގައި ސައިކަލުން ޖެއްސުމުގެ ސަބަބުން އޭނާއަށް އެކިވަރުގެ އަނިޔާތައް ލިބުނު ނަމަވެސް، އެއީ ސީރިއަސް އަނިޔާތަކެއް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ހާދިސާގައި ބޭނުންކުރި ސައިކަލު މިހާރު ޓޯ ކޮށްފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.