ހުޅުމާލެ ހޮސްޕިޓަލުގައި މެޑިކަލް ތިން ދާއިރާއަކުން ސްޕެޝަލިސްޓް ފަރުވާގެ އައު ޚިދުމަތްތަކެއް އެ ހޮސްޕިޓަލުގައި ރަސްމީކޮށް ފަށައިފި އެވެ.
މި ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީއެވެ. މި ބަދަލާއެކު އަލަށް ތަޢާރަފުކުރެވުނު ޚިދުމަތްތަކަކީ:
ގޭސްޓްރޯއެންޓެރޮލޮޖީ: ބަނޑާއި ގޮހޮރުގެ ބަލިތަކަށް ހާއްސަ ފަރުވާ
ނިއުރޮލޮޖީ: ނާރުގެ ނިޒާމުގެ ބަލިތަކަށް ހާއްސަ ފަރުވާ
ޔޫރޮލޮޖީ: ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ހާއްސަ ފަރުވާ
މި ޚިދުމަތްތަކާ ގުޅުވައިގެން ހޮސްޕިޓަލުގައި ވަނީ ހާއްސަ ނިއުރޯ ސައިންސް ޔުނިޓެއްވެސް ޤާއިމުކޮށްފަ އެވެ.
ޚިދުމަތްތައް ފައްޓަވައިދެއްވުމަށްފަހު ވަޒީރު ވިދާޅުވީ، މި ބަދަލަކީ އައިޖީއެމްއެޗްގެ ވެއިޓިންގ ލިސްޓަށް ލުޔެއް ހޯދައިދީ، ބާރުބޮޑުވުން ކުޑަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މައިގަނޑު އަމާޒަކީ ސަރުކާރުގެ ހޮސްޕިޓަލްތަކުން ހާއްސަ ފަރުވާތައް ފަސޭހައިން ލިބޭނެ މަގުފަހިކޮށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭ މިންވަރު މަދުކުރުންކަން ވަޒީރު ފާހަގަކުރެއްވި އެވެ.
"މިހާރުވެސް ގިނަ އަދަދެއްގެ ބަޔަކު އަހަރެއްގެ މައްޗަށް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދަތުރުކުރޭ. އުންމީދުކުރަނީ އެކަން މިއަށް ވުރެ ފަސޭހަކަމާއެކު ރާއްޖޭގައި ތިބެގެން ފޯރުކޮށްދިނުން. ރައީސްގެ އަމާޒަކީ މިފަދަ ސްޕަޝަލިސްޓް ޚިދުމަތްތައް ސަރުކާރުގެ ހޮސްޕިޓަލްތަކުގައި ޤާއިމްކޮށް ރައްޔިތުންނަށް ފަސޭހަތައް ފޯރުކޮށްދިނުން." ގީލާ ވިދާޅުވިއެވެ.
މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ޙަލީމް ވިދާޅުވި ގޮތުގައި، މީގެ ކުރިން މިފަދަ ފަރުވާތަކަށް މާލޭގެ ހޮސްޕިޓަލްތަކަށް ބަރޯސާވާން ޖެހުނު ނަމަވެސް، މިހާރު ހުޅުމާލެ ހޮސްޕިޓަލުން ޑޮކްޓަރަށް ދެއްކުމުގެ އިތުރުން އީއީޖީ ހެދުމާއި ޔޫރޯފްލޯމެޓްރީ ފަދަ ޓެސްޓުތައް ހެދޭނެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި އެންޑޯސްކޯޕީއާއި ކޮލޯނޯސްކޯޕީގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"މީގެ ނަތީޖާއަކީ ކޮންސަލްޓޭޝަންގެ ޚިދުމަތް ހޯދާފައި އިންޓަރވެންޝަނެއް ހަދަންޖެހިއްޖެނަމަ އެކޮޅަނަށް ރިފާކުރެވޭނެ. ކައިރި މުސްތަޤުބަލެއްގައި ޕްލޭންއަކީ ގޭސްޓްރޯއިންޓޮލަޖީގެ އިންޑެސްކޯޕީ ކްލޮނޮސްކޮޕީގެ ޚިދުމަތްތައް ދެވޭނެ އިންތިޒާމަތައް މެދުވެރިވުން."
އަލަށް ޤާއިމުކުރި ނިއުރޯ ސައިންސް ޔުނިޓުގެ އީއީޖީ ޚިދުމަތް ރަސްމީ ގަޑިތަކުގައި (މެންދުރު 2:00 އާ ހަމައަށް ނަންނޯޓުކޮށްގެން) ލިބޭނެއެވެ. އަދި ކުއްލި ހާލަތްތަކުގައި 24 ގަޑިއިރު މި ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
2024 ވަނަ އަހަރުގެ ނޮވެމްބަރު 16 ގައި ޓާޝަރީ ފެންވަރަށް ބަދަލުކުރެވުނު ހުޅުމާލެ ހޮސްޕިޓަލުން ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ 4 އޮޕަރޭޝަން ތިއޭޓަރާއި، 10 އެނދުގެ އައިސީޔޫ އަދި 14 އެނދުގެ އެންއައިސީޔޫ ހިމެނޭހެން ޒަމާނީ ވަސީލަތްތައް ޤާއިމުކޮށް ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށްފައެވެ.