MTCC

ފަލަސްޠީނުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތް ވަރުގަދަކުރުމަށް ރާއްޖެއިން ގޮވާލައްވައިފި

HQ1ArvJWgAAJYnS

ފަލަސްޠީނުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތް ވަރުގަދަކުރުމަށް ރާއްޖެއިން ގޮވާލައްވައިފި

SHARE

ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް ފުޅާކުރުމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ގޮވާލައްވައިފި އެވެ.

މިއީ ޚާރިޖީ ވަޒީރުގެ ހައިސިއްޔަތުން އެކަމަނާ އޯއައިސީގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ސައުދީ ޢަރަބިއްޔާގެ ޖިއްދާގައި ކުރިއަށްދިޔަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ޚާރިޖީ ވަޒީރުންގެ ފެންވަރުގެ ހާއްސަ ބައްދަލުވުމުގައި، ވާހަކަފުޅު ދައްކަވަމުން ވަޒީރު އިރުތިޝާމް ވަނީ އިސްލާމީ އުއްމަތުގެ އަސާސްތަކާއި ހައްޤުތައް ހިމާޔަތްކުރުމަކީ އޯއައިސީގެ މެންބަރު ޤައުމުތަކުގެ ބޮޑު ޒިންމާއަކަށް ވީ ހިނދު ފަލަސްތީން ހިމާޔަތްކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ވަޒީރު ވަނީ އިސްރާއީލުން ފަލަސްޠީނުގެ ބިންތައް ފޭރިގަނެ، އެއީ އިސްރާއީލުގެ މިލްކެއް ކަމަށް ކަނޑައަޅައި ހިންގަމުންދާ ޣައިރު ޤާނޫނީ ޢަމަލުތަކާއި ބިންތައް ޙިޞާރުކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފަ އެވެ. އަދި ޒަޔަނިސްޓް އިސްރާއީލުގެ މިފަދަ ޖަރީމާތައް ހުއްޓުވުމަށާއި، ބައިނަލްއަޤްވާމީ ޤާނޫނުތައް ތަންފީޒުކުރުމުގައި އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައި ނުވާތީ އެކަމުގެ ކަންބޮޑުވުން އެކަމަނާ ފާޅުކުރެއްވި އެވެ.

މީގެއިތުރުން، ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނަށް އިންސާފު ހޯދައިދިނުމަށާއި، 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައިގެން މިނިވަން މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވި އެވެ. އަދި ޣައްޒާގެ ހަނގުރާމަ ހުއްޓުވައި، ދެމެހެއްޓެނިވި ސުލްޙައެއް ޤާއިމުކުރުމަށް އެކުލަވާލާފައިވާ ހާއްސަ ޕްލޭން (ކޮމްޕްރިހެންސިވް ޕްލޭން ޓު އެންޑް ދަ ޤާޒާ ކޮންފްލިކްޓް) ތަންފީޒުކުރުމުގެ މުހިންމުކަންވެސް އެކަމަނާ ފާހަގަކުރެއްވި އެވެ.

މި ދަތުރުފުޅުގެ ހަވާސާގައި، އޯއައިސީގެ ބައެއް މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ވަކިވަކިން ބައްދަލުކުރައްވައި، ރާއްޖެއާއި އެ ޤައުމުތަކުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވަޒީރު މަޝްވަރާކުރެއްވި އެވެ.

ދުނިޔޭގެ 57 އިސްލާމީ ޤައުމު އެކުލެވޭ އޯއައިސީއަކީ ފަލަސްޠީނުގެ ޙައްޤުގައި އަބަދުވެސް ވަރުގަދައަށް ވަކާލާތުކުރަމުން އަންނަ ޖަމްޢިއްޔާއެކެވެ. ރާއްޖެއިން 1976 ވަނަ އަހަރު މި ޖަމްޢިއްޔާގެ މެންބަރުކަން ހޯދި ފަހުން، މިއަދާ ހަމައަށްވެސް އިސްލާމީ އުއްމަތުގެ މިފަދަ މުހިންމު މައްސަލަތަކުގައި ދަނީ އިސް ދައުރެއް އަދާކުރަމުންނެވެ.