މޫސުމީ ބަދަލުތަކާ ގުޅިގެން ޕެސިފިކް ކަނޑުގައި އުފެދޭ "އެލްނީނޯ" ގެ ބާރު ވަރަށް ބޮޑަށް ގަދަވަމުން އަންނާތީ، އޭގެ ނޭދެވޭ އަސަރު ދިވެހިރާއްޖޭގެ ފަރުތަކުގެ ދިރުމަށާއި އިޤްތިސާދީ މައި ސިނާއަތްތަކަށް ކޮށްފާނެ ކަމުގެ އިންޒާރު މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ދީފިއެވެ.
މެޓް އޮފީހުން ހާމަކޮށްފައިވާ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، އިރުމަތީ އިކުއިޓޯރިއަލް ޕެސިފިކް ކަނޑުގެ މަތީ ފަށަލައިގެ ހޫނުމިން ވަނީ އާދައިގެ މިންގަނޑަށް ވުރެ 2.0 ޑިގްރީ ސެލްސިއަސް އުފުލިފައެވެ. އަދި ނީނޯ 3.4 އިންޑެކްސްއިން ދައްކާ ގޮތުގައި، އޮގަސްޓް މަހުގެ މެދުތެރޭގައި އެ ސަރަޙައްދުގެ ހޫނުމިން ވަނީ 1.8 ޑިގްރީ ސެލްސިއަސް އަށް މައްޗަށް ޖެހިލާފައެވެ. މީގެ އިތުރުން، ނީނޯގެ އެހެން ސަރަޙައްދުތަކާއި ޖައްވީ ހާލަތުން ވެސް އެލްނީނޯގެ އަސަރުތައް އިތުރަށް ވަރުގަދަވަމުން އަންނަކަން ފާހަގަކުރެވޭ ކަމަށް އެ އިދާރާއިން ބުނެއެވެ.
މެޓުން ބުނި ގޮތުގައި، މި ދުވަސްވަރު އެ އިދާރާއިން ވަރަށް ގާތުން މޮނިޓަރ ކުރަމުން އަންނަ މި ހާލަތުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ލޮނުގަނޑު އާދަޔާ ޚިލާފަށް ހޫނުވެ، ފަރުތަކުގެ ދިރުމަށް ބޮޑެތި ގެއްލުންތަކެއް ވުމުގެ ފުރުސަތު އެބައޮތެވެ. އަދި ވާރޭވެހޭ މިންވަރަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށް ހުރަސްއެޅި، ކަނޑުގެ އޮއިވަރަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށް ވެސް ނޭދެވޭ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިދާނެއެވެ.
މި ކަންކަމަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ނާޒުކު ޖަޒީރާ ޤައުމަކަށް ކުރިމަތިވެދާނެ ނުރައްކާތައް ހާމަކޮށްދޭ ހެއްކެއް ކަމަށް މެޓުން ފާހަގަކުރެއެވެ. އެހެންކަމުން، ރާއްޖޭގެ އިޤްތިސާދުގެ މައިނާރު ކަމުގައިވާ ފަތުރުވެރިކަމާއި، މަސްވެރިކަން އަދި ދަނޑުވެރިކަން ފަދަ ދާއިރާތަކުން މިފަދަ މޫސުމީ ބަދަލުތަކަށް ދުރާލާ ހޭނި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.