ރާއްޖޭގެ އިގުތިސާދަށް ނޭދެވޭ އަސަރެއް ކުރާނެ ނުވަތަ ގައުމުގެ ކުރިއެރުން މަޑުޖެހިދާނެ އެއްވެސް ފިޔަވަޅެއް މި ސަރުކާރުން ނާޅާނެ ކަމަށާއި، ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ސަބަބުން ގައުމަށް ލިބޭނީ ފައިދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ އިގުތިސާދު ހަމަމަގަށް އެޅުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި އެންމެހައި ފަރާތްތަކުގެ އެއްބާރުލުން ލިބިއްޖެނަމަ، މިހާރު ދިމާވެފައިވާ މައްސަލަތަކަށް އަވަސް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މިހާރު އަޅަމުންދާ ފިޔަވަޅުތަކަކީ ކޮންމެހެންވެސް އަޅަންޖެހިފައިވާ މުހިންމު ފިޔަވަޅުތަކެއްކަން ގިނަ ރައްޔިތުން ގަބޫލުކުރާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ޖުމްލަކޮށް، އާއްމު ރައްޔިތުން ގަބޫލުކުރައްވާ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ހާއްސަކޮށް ބޭރު ފައިސާ ގުޅިފައިވާ މައްސަލަ ރަނގަޅު ކުރުމަށްޓަކައި މި އަޅާ ފިޔަވަޅުތައް އަޅަން ޖެހޭ ފިޔަވަޅުތަކެއް ކަަމަށް،". ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ފުޅާ ކުރުމަށްޓަކައި މިހާ ސިޔާސަތުތަކެއް ގެންނެވި ސަރުކާރެއްވެސް ނޯންނާނެ ކަމަށެވެ. އަދި އިގްތިސާދު ކުރިއެރުވުމަށްޓަކައި ވަަރަށް ގިނަ ކަންކަން މި ސަރުކާރުން ކުރަމުންދާއިރު، ބައެއް ކަންކަން ތަންފީޒުވެސް ކުރަމުންދާ ކަމަށެވެ. އަދި ބޭރު ފައިސާއާ ގުޅިގެން އަޅާ ފިޔަަވަޅުތަކުގެ ނަތީޖާ ރަނގަޅު ވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ސިޔާސީ ބޭނުުމެއްގައި ބައެެއް ފަރާތްތަކުން އެކަހަލަ ވާހަކަދައްކާ ހަދާފާނެ، އެކަމަކު އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާ ރަނގަޅު ވާނެ ކަމަށް،". ރައީސް ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވެފައި މިވަނީ، ރާއްޖޭގައި ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން މާރުކުރަން ލާޒިމުކުރާ މިންވަރު ކުރިން އޮތް 20 އިންސައްތައިން 40 އިންސައްތައަށް ބޮޑުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމާފައިވާ ދަނޑިވަޅެއްގައެވެ. މި ބަދަލާއެކު، ކޮންމެ މަހަކު އެއްފަހަރު ބޭރު ފައިސާ މާރުކުރުން ލާޒިމުވުމުގެ އިތުރުން، ގާނޫނީ އިސްތިސްނާއާއެކު ރާއްޖޭގެ އެތެރޭގައި ޑޮލަރުން ހިންގާ މުއާމަލާތްތަކުގެ ތަފުސީލުތައް މަރުކަޒީ ބޭންކާ ހިއްސާކުރުންވެސް މަޖުބޫރުވާނެއެވެ.
އިގުތިސާދީ ނިންމެވުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ އިގުތިސާދީ ޓީމުގައި ތިއްބެވީ ތައުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން ފުންނާބުއުސް ބޭފުޅުން ކަމަށެވެ. އަދި އެއްވެސް ނިންމުމެއް ކުއްލިއަކަށް ނުނިންމަވާ ކަމަށާއި، ކޮންމެ ސިޔާސަތެއްވެސް އެކަށައަޅަނީ ފަންނީ ގޮތުން ފުންކޮށް ދިރާސާކޮށް، ދުނިޔޭގެ އެހެން ގައުމުތަކުގެ ތަޖުރިބާއަށް ބެލުމަށްފަހު، ހަގީގަތްތަކުގެ (ފެކްޓްސް) މައްޗަށް ބިނާކޮށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އަޅާ ފިޔަވަޅުތައް، ގާނޫނެއް ހެދިޔަސް، ގާނޫނަކަށް އިސްލާހެއް ގެނަޔަސް، މިކަންކަން މިކުރަނީ ފެކްޓް ބޭސްޑްކޮށް. އަޅުގަނޑުމެން ހަމަ ތިބެފައި ކަމެއް ނުކުރަން." ރައީސް ވިދާޅުވިއެވެ.
ފާއިތުވި ދުވަސްތަކުގައި ރާއްޖޭގެ ވެރިކަން ކުރި ސަރުކާރުތަކާ އަޅާބަލާއިރު، އިގުތިސާދު ފުޅާކޮށް ކުރިއެރުވުމަށް އެންމެ ހަލުވި ދުވެއްޔެއްގައި ސިޔާސަތުތައް އެކަށައަޅައި ތަންފީޒުކުރަމުންދަނީ މި ސަރުކާރުން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި އިގުތިސާދީ ގިނަ ކަންތައްތަކެއް ކާމިޔާބުކުރެވިފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ރޭވިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ޑޮލަރުގެ ކަޅުބާޒާރަކީ ޒަމާންވީ މައްސަލައެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ވޭތުވެދިޔަ މުއްދަތުގައި ބޭރުގެ ދަރަނީގެ ގޮތުގައި 1.3 ބިލިއަން ޑޮލަރު ދައްކާފައިވާ ކަމަށެވެ. އަދި ސިޔާސީ ބޭނުމަށް ބައެއް ފަރާތްތަކުން މި ބަދަލުތަކަށް ފާޑުކީ ނަމަވެސް، ތަރުތީބުވެގެން އެޅެމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން އިގުތިސާދަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުވެ، ރައްޔިތުންނަށް އޭގެ ހެޔޮ ނަތީޖާ ފެންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.