MTCC

ރަށްރަށުގެ ތަރައްގީ ހުއްޓުވަން ބައެއް ކައުންސިލުތަކުން ހުރަސްއަޅާ، ބަލަން ނޯވެވޭނެ: ރައީސް

large_thumb_1787762950267

ރަށްރަށުގެ ތަރައްގީ ހުއްޓުވަން ބައެއް ކައުންސިލުތަކުން ހުރަސްއަޅާ، ބަލަން ނޯވެވޭނެ: ރައީސް

SHARE

ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތަކާއި ތަރައްގީގެ މަޝްރޫއުތަކަށް ހުރަސްއެޅުމުގެ ގޮތުން، ވަކި ސިޔާސީ ފިކުރެއްގެ ކައުންސިލުތަކުން ބިން ދޫނުކޮށް ހިފަހައްޓަމުންދާ މައްސަލައިގައި ސަރުކާރުން ހިމޭނުން ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ (ޕީއެސްއެމް) ގެ "ނޭޝަނަލް ޗެޓް" ޕްރޯގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދަން ރާވާފައިވާ މުހިންމު ކަންކަން ހުއްޓުވުމަށް އިދިކޮޅު މެޖޯރިޓީ އޮތް ކައުންސިލުތަކުން މަސައްކަތް ކުރަމުންދަނީ އެއްވެސް ޒިންމާދާރުކަމެއް ނެތި ކަމަށެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، ލާމަރުކަޒީ ނިޒާމުގެ ތަޖުރިބާ އެމަނިކުފާނަށް ފުރިހަމައަށް ލިބިވަޑައިގެންފައިވާތީ، ކައުންސިލުތަކުގެ އިހުތިސާސާއި އަމަލުކުރެވޭނެ އިންތައް ވަރަށް ސާފެވެ. އެހެންކަމުން، ސަރުކާރުގެ މަސައްކަތްތަކަށް ހުރަސްއެޅުމަށް އެއްވެސް ކައުންސިލަކަށް ދެއްކޭނެ ގާނޫނީ އަދި އިދާރީ ހަމަޖެހޭ އުޒުރެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނަކީ ގިނަ އަހަރުތަކެއް ވަންދެން ތަފާތު ހައިސިއްޔަތުތަކުން ލާމަރުކަޒީ ނިޒާމު ތަންފީޒުކުރަން މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާއި، އެ ނިޒާމުގެ ތެރެއިން ކަންކަން ކުރެވޭނެ ގޮތާއި ނުކުރެވޭނެ ގޮތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ބައެއް ކައުންސިލްތަކުން މިހާރު ކަންކަން ކުރަމުންދާ ގޮތަށް ދެއްކޭނެ ގަބޫލުކުރެވޭފަދަ އެއްވެސް އުޒުރެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

"އެއަށް ބަލައިގެންނެއް ސަރުކާރަކަށް ނުތިބެވޭނެ. އަޅުގަނޑުގެ ވައުދުތައް، ރައްޔިތުންނަށް ވެފައިހުރި ވައުދުތައް ފުއްދުން މަޑުޖައްސާލައިގެން ނުތިބެވޭނެ. އެކަމަށް މަގުތަކެއް ހޯދައިދޭންޖެހޭ. އެއީ އަޅުގަނޑުގެ ޒިންމާއެއް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މި މައްސަލައަށް ހައްލެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން އަބަދުވެސް އިސްކަންދެނީ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ އުސޫލުތަކަކަށް ކަމަށެވެ. އެގޮތުން ތުޅާދޫ ދާއިރާގެ މެންބަރު ހުށަހެޅުއްވި ބިލަށް ސަރުކާރު ހިންގާ ޕީއެންސީ މެންބަރުން މެދުވެރިކޮށް ބަދަލުތަކެއް ގެނައީ މަޝްވަރާގެ އުސޫލު ދެމެހެއްޓުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މަޖިލީހުން ފާސްކުރި ގޮތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ވަޒީރުންގެ މަޖިލީހުގެ ނިންމުމަކުން ސަރުކާރުގެ މަޝްރޫއަކަށް ބިމެއް ނަގަން ޖެހުނު ކަމުގައި ވިޔަސް، އެކަން ކުރެވޭނީ ކައުންސިލާ އެކު ފުރިހަމަ މަޝްވަރާތައް ބޭއްވުމަށްފަހުގައެވެ. އަދި އެ ރަށެއްގެ ރައްޔިތުންނަށް ހިޔާލު ފާޅުކުރުމުގެ ފުރުސަތު ދީނުމަށްފަހު އެ ބިމުގައި ކައުންސިލުން ނުވަތަ އަމިއްލަ ފަރާތަކުން ކޮށްފައިވާ އެއްވެސް އިންވެސްޓްމަންޓެއް ވާނަމަ، އެ ފަރާތަކަށް ލިބެންޖެހޭ ހައްގު ބަދަލު ކަށަވަރުކޮށްދޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރުގެ ހަމައެކަނި އަމާޒަކީ ސިޔާސީ ތަފާތުކުރުމެއް ނެތި، ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ ޚިދުމަތްތައް ހަލުވިކަމާއެކު ފޯރުކޮށްދިނުން ކަމަށެވެ.