ޓެރަރިޒަމް ނުވަތަ ނިރުބަވެރިކަމަށް ވާގިވެރިވާ ދައުލަތްތަކުގެ ލިސްޓުން ސީރިއާ އުނިކުރުމަށް އެމެރިކާގެ ސަރުކާރުން ނިންމި ނިންމުމަށް ދިވެހިރާއްޖެއިން ރަސްމީކޮށް މަރުހަބާ ކިޔައިފިއެވެ.
މި ނިންމުމާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ނެރުނު ބަޔާނެއްގައި ވަނީ، ސީރިއަން އަރަބް ރިޕަބްލިކް އެ ލިސްޓުން އުނިކުރުމުން އެ ގައުމުގެ ސަރުކާރަށާއި ލޮބުވެތި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ހޫނު މަރުހަބާއެއް އަރިސްކުރާ ކަމަށް ވިދާޅުވެފައެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެމެރިކާގެ މި ނިންމުމަކީ ދިގުލައިދިޔަ ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ސީރިއާ އަލުން އާރާސްތުކޮށް، ގައުމު ބިނާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ލިބިގެންދިޔަ ބޮޑު ހިތްވަރެކެވެ. އަދި މީގެ ސަބަބުން އެ ގައުމުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ގައުމަށް ސުލްހަމަސަލަސްކަމާއި ފާގަތިކަން ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، ސީރިއާގެ މިނިވަންކަމާއި އިސްތިގުލާލުގެ އިތުރުން، އެ ގައުމުގެ ސަރަހައްދީ ފުރިހަމަކަން ދެމެހެއްޓުމަށް ރާއްޖެއިން އަބަދުވެސް ތާއީދުކުރާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ވަނީ ދީފައެވެ.
ހަމައެއާއެކު، ސީރިއާގެ ރައްޔިތުން އެދޭފަދަ އުންމީދީ މުސްތަގުބަލެއް ހޯދައިދިނުމަށާއި އެ ގައުމުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި، އެންމެންގެ ބައިވެރިވުން ހިމެނޭ ގޮތަށް ސީރިއާގެ ރައްޔިތުން އިސްވެ ކުރިއަށްގެންދާ ސުލްހަވެރި ހައްލުތަކަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބޭނެ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.