ރާއްޖެއަށް ވައިގެ މަގުން އެތެރެވާން އުޅުނު އެމެރިކާގެ ރައްޔިތެއްގެ ލަގެޖުން ވަޒަން އަޅާފައިވާ މެގަޒިނެއް ފެނިގެން އޭނާ ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ހާމަކުރި ގޮތުގައި، މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 36 އަހަރުގެ އެމެރިކާ ފިރިހެނެއް ކަމަށްވާ ކޮބޯލް ބްރިޓެއިން ޓައިލަރއެވެ. އޭނާ ރާއްޖެ އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާގެ ލަގެޖު ފާސްކުރިއިރު، އޭގެ ތެރެއިން ވަޒަން އަޅާފައިވާ ބަޑީގެ މެގަޒިނެއް ވަނީ ފެނިފައެވެ.
ފުލުހުން ވިދާޅުވީ، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި މިއަދު ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރުމަށް ކޯޓުން އަމުރު ދީފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.