MTCC

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ގުޅޭ ބިލެއް މަޖިލީހަށް ފޮނުވައިފި

images

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ގުޅޭ ބިލެއް މަޖިލީހަށް ފޮނުވައިފި

SHARE

ޖިނާއީ ބޮޑެތި ކުށްތައް ކޮށްގެން ޣައިރު ޤާނޫނީ ގޮތުގައި ހޯދާ މުދަލާއި ފައިސާ ދައުލަތުގެ ބާރުގެ ދަށަށް ގެނައުމަށް މަގުފަހިކުރުމުގެ ގޮތުން، ޚާއްޞަ ބިލެއް އެކުލަވާލައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މިކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ބިލަކީ ޖިނާއީ ކުށްތައް ކުރާ ފަރާތްތަކުން ނުޙައްޤުން އެއްކުރާ މުދާ އަތުލައި، އެއިން އިތުރު މާލީ މަންފާއެއް ހޯދުމުގެ ފުރުސަތު އެއްކޮށް ބަންދުކުރުމަށްޓަކައި ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ޤާއިމުކުރުމަށް ހުށަހެޅުނު ބިލެއް ކަމަށެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކުށްކޮށްގެން ހޯދާފައިވާ މުދަލާއި، ގެއްލިފައިވާ ދައުލަތުގެ މުދާ އަނބުރާ ހޯދުމުގައި މިހާރު ޤާނޫނީ ގޮތުން ކުރިމަތިވަމުންދާ ހުރަސްތަކަށް މި ބިލުގެ ސަބަބުން ދާއިމީ ޙައްލެއް ލިބިގެންދާނެއެވެ.

މިފަދަ ބިލެއް ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާއިރު، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހަދާފައިވާ ދިރާސާތަކުން ދައްކާގޮތުގައި، މިހާރު ޢަމަލުކުރަމުންދާ ނިޒާމުގެ ތެރެއިން މުދާ ދައުލަތަށް ނެގެނީ ހަމައެކަނި މަނީ ލޯންޑަރިންގ އާއި ކޮރަޕްޝަނާ ގުޅޭ މައްސަލަތަކުގައި އެކަންޏެވެ. މިއީ ކުށްކޮށްގެން ހޯދާ މުދާ ހޯދުމުގައި ދައުލަތަށް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއްކަން އެ ކޮމިޝަނުންވެސް ވަނީ ފާހަގަކޮށްފައެވެ.

ރައްޔިތުންގެ މަޖިލިސް މިވަގުތު ޗުއްޓީގައި އޮތުމުން، ސަރުކާރުން ހުށަހެޅި މި މުހިންމު ބިލުގެ މަސައްކަތްތައް ރަސްމީކޮށް ފެށިގެންދާނީ ދައުރުގެ ޗުއްޓީ ނިމި މަޖިލީހުގެ ޖަލްސާތައް އަލުން ފެށުމުންނެވެ.