MTCC

ބިދޭސީންގެ މުސާރަ ބޭންކު އެކައުންޓަށް ޖަމާކުރުން ގަވާއިދުން މަޖުބޫރުކޮށްފި

1513955143

ބިދޭސީންގެ މުސާރަ ބޭންކު އެކައުންޓަށް ޖަމާކުރުން ގަވާއިދުން މަޖުބޫރުކޮށްފި

SHARE

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ދޭ މުސާރަ، އެ މީހުންގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓުތަކަށް ޖަމާކޮށްދިނުން ލާޒިމުވާ ގޮތަށް ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން މުހިންމު އިސްލާހުތަކެއް ގެނެސްފިއެވެ.

މި އިސްލާހުގައިވާ ގޮތުން، ވަޒީފާގެ އެއްބަސްވުމުގެ ދަށުން ބިދޭސީ މުވައްޒަފުންނަށް ދޭންޖެހޭ އުޖޫރަ ދޭންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ރަޖިސްޓްރީކޮށްފައިވާ ނުވަތަ އެ އޮތޯރިޓީގެ ހުއްދަ އޮންނަ ބޭންކެއްގައި އެ މުވައްޒަފެއްގެ އަމިއްލަ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް އެކަންޏެވެ. މި ބަދަލު ގެނެސްފައިވަނީ ގަވާއިދުގެ 58 ވަނަ މާއްދާއަށް އަކުރެއް އިތުރުކުރުމަށް ފަހުގައެވެ. މި އާ އުސޫލަށް ފުރިހަމައަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ، އިސްލާހު ޝާއިއުކުރި ތާރީހުން ފެށިގެން 30 ދުވަހުގެ މުއްދަތެއް ހަމަވުމުންނެވެ.

އެހެންކަމުން، ކުރިއަށް އޮތް އެއް މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި ބިދޭސީން ގެންގުޅޭ ހުރިހާ ފަރާތްތަކުން ވެސް މި އިންތިޒާމު ހަމަޖައްސައި، ބޭންކު މެދުވެރިކޮށް މުސާރަ ދިނުމުގެ އިންތިޒާމު ފުރިހަމަކުރަން ޖެހޭނެއެވެ.

މިފަދަ ނިންމުމެއް ސަރުކާރުން ނިންމާފައި މިވަނީ، ރާއްޖޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބިދޭސީންގެ ފުރިހަމަ މައުލޫމާތު މިހާރު އެއްކުރެވިފައިވާ ކަމަށް ދާޚިލީ ވަޒީރު ހާމަކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

މީގެ ކުރިން 2016 ވަނަ އަހަރު ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހަކުން ވެސް ބިދޭސީންގެ މުސާރަ ބޭންކު އެކައުންޓަށް ޖަމާކުރުން މަޖުބޫރުކުރިއެވެ. އެއީ ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ތިން އިންސައްތައިގެ ރެމިޓެންސް ޓެކްސްއެއް ނެގުމުގެ ބޭނުމުގައެވެ. އަދި އެ އުސޫލާ ޚިލާފުވާ ފަރާތްތައް 10،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމަށް ވެސް ކަނޑައެޅިއެވެ. ނަމަވެސް، ލިޔެކިޔުން ފުރިހަމަނުވާ ގިނަ އަދަދެއްގެ ބިދޭސީންނަށް ބޭންކު އެކައުންޓް ހުޅުވުމުގައި ދިމާވި ދަތިތަކާ ހުރެ، އެ ފިޔަވަޅުތައް ތަންފީޒުކުރުން 28 ޑިސެމްބަރު 2017 ގައި އޮތީ މެދުކަނޑާލައިފައެވެ.

ސަރުކާރުން މި ގެނައި އައު އިސްލާހާއެކު، ބިދޭސީންނާ ގުޅޭ މާލީ މުއާމަލާތްތައް ހަރުދަނާވެ، ގާނޫނީ އިމުގެ ތެރެއިން ހުރިހާ ކަމެއް ބެލެހެއްޓުމަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.