MTCC

ދާރުއްސަލާމް ވަގްފު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

Screenshot 2026-08-25 135937

ދާރުއްސަލާމް ވަގްފު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

SHARE

ރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު ވަގްފު އިމާރާތް ކަމަށްވާ "ދާރުއްސަލާމް" ގެ ޢަމަލީ މަސައްކަތް ހުޅުމާލޭގައި ރަސްމީކޮށް ފަށައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، ޖުމްލަ 244.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ފައިނޭންސިން މެދުވެރިކޮށް ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަސައްކަތް ކުރުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ ހަވާލުކޮށްފައި ވަނީ ވޭތުވެދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް އަމާޒު ހިފާފައިވާ މި 12 ބުރީގެ ޢިމާރާތަކީ ޒަމާނީ ފެންވަރަށް ތަރައްގީކުރެވޭ ތަނެކެވެ. އެގޮތުން، މި އިމާރާތުގައި ހިމެނޭ މުހިންމު ބައިތަކުގެ ތެރޭގައި:

  • ބޭސްމަންޓާއި ގްރައުންޑް ފްލޯ: ހާއްސަ ޕާކިން ޒޯނަކާއި ރިސެޕްޝަން އޭރިއާ.
  • ފުރަތަމަ ފަންގިފިލާ: ވިޔަފާރި ބޭނުންތަކަށް ހާއްސަ ސަރަޙައްދު.
  • 3 ވަނަ ފަންގިފިލާއިން 12 ވަނަ ފަންގިފިލާއަށް: ޒަމާނީ އޮފީސް ޖާގަތަކާއި، ބައްދަލުވުންތައް ބާއްވާ ކޮޓަރިތަކުގެ އިތުރުން ނަމާދުކުރާ ތަންތަން.
  • 2 ވަނަ އަދި 11 ވަނަ ފަންގިފިލާ: އެކި ބޭނުންތަކަށް ބޭނުންކުރެވޭ މަލްޓި-ޕާޕަސް ހޯލުތައް.
  • އެހެނިހެން ވަސީލަތްތައް: ކުޑަކުދިން ބަލަހައްޓާ ޑޭ ކެއާ ސެންޓަރަކާއި، ހުޅުވާލެވިފައިވާ ޓެރަސްއެއްގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ބޭނުންކުރެވޭނެ އިންތިޒާމުތައް.

މި މަޝްރޫއުގެ ދަށުން ޢިމާރާތް ނިންމުމަށްފަހު، ކުރިއަށް އޮތް 5 އަހަރު ދުވަހު އެތަން ބެލެހެއްޓުމުގެ (މެއިންޓެނަންސް) މަސައްކަތް ކުރާނީވެސް ކޮންޓްރެކްޓަރު ކަމަށްވާ އާރްސީސީންނެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ޢިމާރާތް ނިމި ބޭނުންކުރަން ފެށުމުން ރާއްޖޭގެ އިސްލާމީ ދާއިރާގެ މާލީ ގާބިލުކަން އިތުރުވެގެންދާނެއެވެ. އެގޮތުން އަހަރަކު ގާތްގަނޑަކަށް 52 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް މި ޢިމާރާތުން ލިބޭނެ ކަމަށް ލަފާކުރެވެއެވެ. މި އާމްދަނީގެ ބޮޑު ބައެއް ކަމަށްވާ 80 އިންސައްތަ ޚާއްޞަކުރެވޭނީ އިސްލާމިކް ވަގްފު ފަންޑަށެވެ. އަދި ބާކީ 20 އިންސައްތަ ޖަމާކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ޒަކާތު ހައުސްއަށެވެ.