MTCC

ވޯޓަކީ މީހެއްގެ އަދުލުވެރިކަމާއި ގާބިލުކަމަށް ދެވޭ ހެކިބަހެއް: ޝަކީލް

359eef08-92bc-42ee-aa7e-86f78347df21

ވޯޓަކީ މީހެއްގެ އަދުލުވެރިކަމާއި ގާބިލުކަމަށް ދެވޭ ހެކިބަހެއް: ޝަކީލް

SHARE

އިސްލާމީ ނަޒަރިއްޔާތުން ބަލާއިރު މީހަކަށް ދެވޭ ވޯޓަކީ އެމީހެއްގެ ކިބައިގައި ހުރި ގާބިލުކަމާއި އަދުލުވެރިކަން ސާބިތުކޮށްދިނުމަށް ދެވޭ ހެކިބަހެއް ކަމަށާއި، އެހެންކަމުން ވޯޓު ދިނުމުގައި އަމާނާތްތެރިވާންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޝަކީލު ވިދާޅުވެއްޖެއެވެ.

ޝަކީލު މިހެން ވިދާޅުވީ، ކޮންމެ އަހަރެއްގެ އޯގަސްޓު މަހުގެ 25 ވަނަ ދުވަހު ރާއްޖޭގައި ފާހަގަކުރަމުން އަންނަ "ވޯޓުލާ މީހުންގެ ދުވަސް" ގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ދެއްވި ހާއްސަ މެސެޖެއްގައެވެ. އީސީގެ ރައީސް ފާހަގަކުރެއްވި ގޮތުގައި، ދިވެހިންނަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށްވާއިރު، އިސްލާމްދީނުގެ ހަމަތަކުގެ މައްޗަށް ބިނާކޮށް ބަލާއިރު ވޯޓަކީ ރައްޔިތުންނާ ހަވާލުވެފައިވާ ބޮޑު އަމާނާތެކެވެ. އެހެންކަމުން، މި ޒިންމާ އަދާކުރުމުގައި ކޮންމެ މީހަކުވެސް މާތްﷲ އަށް ބިރުވެތިވެ، އިހުލާސްތެރިކަން ކުރިއަށް ނެރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން ލޯކަލް ކައުންސިލްތަކަށް މަންދޫބުން ހޮވުމަށް ދެވޭ ކޮންމެ ވޯޓަކީ ގައުމުގެ ކުރިމަގާއި ސީދާ ގުޅިފައިވާ ކަމެއްކަން ޝަކީލު ފާހަގަކުރެއްވިއެވެ. އެގޮތުން، ގައުމުގެ ތަރައްގީއަށާއި ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށާއި، ދައުލަތުގެ މުއައްސަސާތަކުގެ ހަމަޖެހުމާއި ރައްކާތެރިކަމަށް އެ ވޯޓުތަކުގެ ސީދާ އަދި ނުސީދާ އަސަރު ފޯރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގައި ވޯޓުލާ މީހުންގެ ދުވަހުގެ ގޮތުގައި ދުވަހެއް ކަނޑައަޅައި ފާހަގަކުރަން ފަށާފައިވަނީ 2015 ވަނަ އަހަރުގައެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ އިންތިހާބީ ނިޒާމަށާއި، ޑިމޮކްރަސީގެ އަސާސްތަކަށާއި ވޯޓުލުމުގެ ހައްގުތަކަށް އާންމު ރައްޔިތުން ހޭލުންތެރިކުރުވުމެވެ. މިއަހަރުގެ ވޯޓުލާ މީހުންގެ ދުވަހުގެ ޝިއާރަކަށް "ވޯޓަކީ ހައްގެއް އަދި ޒިންމާއެއް" ކަނޑައަޅާފައިވާއިރު، މި މުނާސަބަތާ ގުޅިގެން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން އަންނަނީ ތަފާތު ހަރަކާތްތަކާއި ޕްރޮގްރާމްތައް ހިންގަމުންނެވެ.