MTCC

ޖަޒީރާ ޤައުމުތަކުގެ އިޤްތިސާދީ އިންޖީނަކީ އަމިއްލަ ވިޔަފާރިތައް: ރައީސް

470525_08ee594c-5_

ޖަޒީރާ ޤައުމުތަކުގެ އިޤްތިސާދީ އިންޖީނަކީ އަމިއްލަ ވިޔަފާރިތައް: ރައީސް

SHARE

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) އަކީ ހަމައެކަނި މޫސުމީ ބަދަލުތަކުގެ ނާޒުކުކަން އޮތް ޤައުމުތަކެއްގެ ގޮތުގައި ދުށުމުގެ ބަދަލުގައި، އެ ޤައުމުތަކަކީ އީޖާދީ އައު އުފެއްދުންތަކާއި ވިޔަފާރިވެރިކަމުގެ މަރުކަޒުތަކެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ، މި އޮގަސްޓް މަހުގެ 23 އިން 25 އަށް ދިވެހިރާއްޖޭގައި ކުރިއަށްދާ "ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް (ޖީބީއެން) ފޯރަމް 2026″ އަދި "އައިލެންޑް އިންވެސްޓްމަންޓް ފޯރަމް (އައިއައިއެފް)" ގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ނާޒުކުކަމަކީ ކުދި ޖަޒީރާ ޤައުމުތަކުގެ އެއްބައެވެ. އަނެއް ބަޔަކީ އެ ޤައުމުތަކުގެ ސާބިތުކަމާއި އަޒުމެވެ. އަދި ޖަޒީރާ ޤައުމުތަކަކީ އެ ޤައުމުތަކަށް ހުރި ދަތިތައް ހުނަރުވެރިކަމަށް، ދުރުމިން ގުޅުމަކަށް، އަދި ގޮންޖެހުންތައް ފުރުޞަތުތަކަށް ބަދަލުކޮށްފައިވާ ޤައުމުތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މި ހިތްވަރާއި އަޒުމް އެންމެ ބޮޑަށް ފެންނަނީ އަމިއްލަ ވިޔަފާރިތަކުން ކަމަށެވެ. އެގޮތުން، ކުދި، މެދު އަދި އެންމެ ކުދި ވިޔަފާރިތަކަކީ މިފަދަ ޤައުމުތަކުގެ އިޤްތިޞާދުގެ މައި އިންޖީނު ކަމަށާއި، ސަރުކާރުތަކަށް އެކަނި ޙައްލުނުކުރެވޭ ކަންކަމުގައި ޢަމަލީ ޙައްލުތައް ހޯދައިދެނީ މިފަދަ ވިޔަފާރިތަކުން ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ޖަޒީރާ ޤައުމުތަކުގެ ކުޑަކަމަކީ އޭގެ ޒާތުގައި ލިބޭ ފައިދާއަކަށް ހެދިދާނެ ކަމަށާއި، މިއީ އައު ޚިޔާލުތަކާއި، ޓެކްނޮލޮޖީ އަދި އީޖާދީ ޙައްލުތައް ތަހުލީލުކޮށް ތަރައްޤީކުރާ މަރުކަޒުތަކަކަށް ވެވިދާނެ ކަމެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޑިޖިޓަލް ވަސީލަތްތަކުން ގުޅައިލުމަކީ ހަމައެކަނި މުވާޞަލާތީ ކަމެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެއީ ވިޔަފާރިއާއި، މާލީ ޚިދުމަތްތަކާއި، ފަތުރުވެރިކަމާއި އުފެއްދުންތެރި ޞިނާޢަތްތައް ކުރިއެރުވުމަށް ބޭނުންވާ އިޤްތިޞާދީ އުމްރާނީ ވަސީލަތެއް ކަމަށެވެ. އަދި "މޯލްޑިވްސް 2.0″ އެޖެންޑާގެ ދަށުން ރާއްޖޭގެ ޖުޣުރާފީ ގޮންޖެހުންތަކުން އަރައިގަތުމަށް ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފަމުންދާކަންވެސް އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން، އަލަށް ފަށާ ވިޔަފާރިތަކަށާއި، ޒުވާން ވިޔަފާރިވެރިންނަށް ޚާއްޞަކޮށްގެން ދޫކުރާ މާލީ އެހީތެރިކަމުގެ އިތުރުން، އަންހެން ވިޔަފާރިވެރިންނަށް ޚާއްޞަ އެހީތައް ފޯރުކޮށްދެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން ޒަމާނީ ބޭރުގެ އިންވެސްޓްމަންޓް ޤާނޫނާއި، 2027 ގެ ނިޔަލަށް ޤާއިމުކުރުމަށް ރާވާފައިވާ "ޓްރޭޑް އެކްސެލެރޭޝަން ޒޯން" އަދި ލޮޖިސްޓިކްސްއާއި ފްލޯޓިންގ ސޯލާ ހަކަތައިގެ ދާއިރާއިން ކުރެވެމުންދާ ސްޓްރެޓީޖިކް އިންވެސްޓްމަންޓްތަކުގެ ތަފްޞީލުވެސް އެމަނިކުފާނު ހިއްސާކުރެއްވިއެވެ.

ޖީބީއެން އަކީ ޖަޒީރާ ޤައުމުތަކުގެ އުންމީދީ ޚިޔާލުތަކާއި ވިޔަފާރިތައް، މާލީ އެހީތެރިކަމާއި، ޓެކްނޮލޮޖީ އަދި ބައިނަލްއަޤްވާމީ ބާޒާރުތަކާ ގުޅުވައިދޭ މައިގަނޑު ޕްލެޓްފޯމަކަށް ހައްދަވައިދެއްވުމަށް އދ. ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކާއި، ބިންބަންދު ޤައުމުތަކާއި، ކުދި ޖަޒީރާ ޤައުމުތަކާ ބެހޭ އޮފީސް (ޔޫއެން-އޯއެޗްއާރްއެލްއެލްއެސް) އަށް ރައީސް ގޮވާލެއްވިއެވެ.