ރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކާމެދު ޖިނާއީ ފިޔަވަޅު އަޅަންޖެހިއްޖެ ހާލަތެއްގައި، އެއްވެސް ފަސްޖެހުމެއް ނެތި އެ ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ދެއްވައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވީ، ރަސްމީކޮށް ހުއްދަ ނަގައިގެން ފައިސާ މާރުކުރުމުގެ ޚިދުމަތް ދެމުންދަނީ އެންމެ 63 ތަނުން ކަމަށެވެ. ނަމަވެސް އެއްވެސް ހުއްދައެއް ނެތި ޑޮލަރުގެ ކަޅުބާޒާރުގައި ހަރަކާތްތެރިވާ ގިނަ ބަޔަކު އުޅޭކަން ފާހަގަކުރައްވަމުން ވަޒީރު ހާމަކުރެއްވި ގޮތުގައި، ކަމާބެހޭ އިދާރާތަކުން ބެލި އެންމެ 7 ފަރާތަކުން ވެސް ވޭތުވެދިޔަ 9 މަސް ދުވަހުގެ ތެރޭގައި 77 މިލިއަން ޑޮލަރު ކަޅުބާޒާރުގައި ވަނީ ދައުރުކޮށްފައެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ގާނޫނީ އިމުން ބޭރުން ބޭރު ފައިސާގެ މުއާމަލާތްތައް ހިންގައިގެން ހޯދާ ފައިސާއަކީ ޖިނާއީ ކުށެއްގެ ތެރެއިން އުފައްދާ ފައިސާ ކަމަށެވެ. އަދި އެ ފައިސާ އަމިއްލަ ކަންކަމަށާއި ވިޔަފާރިތަކަށް ބޭނުންކޮށް، އޭގެއިން އިތުރު މަންފާ ހޯދުމަކީ މަނީ ލޯންޑަރިންގެ އަމަލެއް ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ފަރާތްތަކުން އެ ވަދެވެނީ އެނގިގެން ނުވަތަ ނޭނގި ނަމަވެސް މަނީ ލޯންޑަރިންގެ ކުށުގެ ތެރެއަށް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"ފުލުހުންގެ ފަރާތުން އަދި ގާނޫނު ތަންފީޒުކުރާ އެހެން އިދާރާތަކުން ކުރަމުންދާ މަސައްކަތަކީ ޖިނާއީ ކުށެއް ކުރާނަމަ އެކަމެއް ތަހުގީގު ކޮށްފައި، ޖިނާއީ މިންގަނޑުން އަޅުގަނޑުމެންނަށް ދައުވާ ކުރާ ވަރަށް ހެކި ހުރެއްޖެނަމަ އެ ދައުވާވެސް ކުރާނަން. ކޮށްފައި އެއަށް ގާނޫނުގައި ކަނޑައެޅިފައިވާ އަދަބު ދިނުމަށް އެދި އަޅުގަނޑުމެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި ވެސް އެދޭނަން،" އިހުސާން ވިދާޅުވިއެވެ.
މިކަމުގައި އެއްވެސް ފަރާތެއް އިސްތިސްނާ ނުކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ ހުއްދަ ނުހޯދާ ޑޮލަރު މާރުކުރާ ފަރާތްތަކުގެ ތެރޭގައި ޑޮލަރުން އާމްދަނީ ހޯދާ ފަރާތްތައް ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގައި ނަން މަޝްހޫރު ބޮޑެތި ރިސޯޓުތައް ވެސް އެބަހުރި ކަމަށް އިހުސާން ވިދާޅުވިއެވެ. ނަމަވެސް އެ ރިސޯޓުތަކުގެ ނަންތަކެއް އިހުސާން ވިދާޅެއް ނުވެއެވެ. އަދި ކޮންސްޓްރަކްޝަން މަސައްކަތްކުރާ މީހުންނާއި ސިޔާސީ ދާއިރާގައި އުޅޭ ބައެއް މީހުން ވެސް މިކަމުގައި ހަރަކާތްތެރިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.