MTCC

މިއަހަރު ދައުލަތަށް ލިބުނު ޑޮލަރު އާމްދަނީގެ 56 އިންސައްތަ ހޭދަކުރީ ލޯނުދައްކަން

large_thumb_1787562139103

މިއަހަރު ދައުލަތަށް ލިބުނު ޑޮލަރު އާމްދަނީގެ 56 އިންސައްތަ ހޭދަކުރީ ލޯނުދައްކަން

SHARE

މިއަހަރު ދައުލަތަށް ލިބުނު ޑޮލަރު އާމްދަނީގެ 56 އިންސައްތަ ހޭދަކުރީ ލޯނުދައްކަން ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، ދައުލަތަށް ލިބޭ ބޭރު ފައިސާގެ ރިޒާވުން އެންމެ ބޮޑު ހޭދައެއް ކުރަން ޖެހިފައިވަނީ ކުރީގެ ލޯނުތައް އަދާކުރުމަށް ކަމަށެވެ. އެގޮތުން ހިނގަމުންދާ އަހަރު ދައުލަތަށް ލިބުނު ޑޮލަރު އާމްދަނީގެ 56 އިންސައްތަ ވެސް ހޭދަކުރީ ލޯނުތައް ދެއްކުމަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޒަރީރު އިތުރަށް ވިދާޅުވީ މި ސަރުކާރުގެ ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ބޭރުގެ ދަރަނީގެ ގޮތުގައި 1.29 ބިލިއަން ޑޮލަރު ދައްކާފައިވާއިރު، މިއީ ކުރީގެ ދެ ސަރުކާރާ އަޅައިބަލާއިރު ވަރަށް ބޮޑު އަދަދެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

ފާއިތުވި ސަރުކާރުތަކުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި ބައިގެ ތެރޭގައި ލޯނު އަދާކުރުމަށް ދެއްކީ 191 މިލިއަން ޑޮލަރު ކަމަށެވެ. އަދި ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރުގެ އެ މުއްދަތުގައި ދެއްކީ 428 މިލިއަން ޑޮލަރު ކަމަށް ވިދާޅުވިއެވެ. އެހެންކަމުން، ކުރީގެ ދެ ސަރުކާރުން އެ މުއްދަތުގައި ޖުމްލަ 619 މިލިއަން ޑޮލަރު ދެއްކިއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާތަނަށް 1،292 މިލިއަން (1.29 ބިލިއަން) ޑޮލަރު ދަރަނި ދެއްކުމަށް ހޭދަކޮށްފައިވާ ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން، މިހާތަނަށް އައި އިރުގައި 1.3 ބިލިއަން ޑޮލަރު. އެހެން ކަމުން 1292 މިލިއަން ޑޮލަރު ދަރަނި ދެއްކުމަށް ހޭދަ ކުރެވިފައިވޭ،" ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ބޮޑެތި އަދަދުތަކުން ދަރަނި ދައްކަން ޖެހުމުގެ ސަބަބުން އިޤްތިސާދީ ގޮތުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. ނަމަވެސް، ސަރުކާރުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ޤައުމުގެ އަގު ހިފެހެއްޓުމަށްޓަކައި ދަރަނިތައް ގަވާއިދުން އަދާކުރުމަށާއި، ރައްޔިތުންނަށް ބޭނުންވާ ތެލާއި އެހެނިހެން އަސާސީ ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ޑޮލަރު ހަމަޖެއްސުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު  ހަރަދުތައް ކުޑަކުރުމުގެ އިތުރުން، ލިބޭ އާމްދަނީ އިތުރުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

"ފާހަގަކުރެއްވި ގޮތަށް އަޅުގަނޑުމެންގެ ޓޫރިޒަމް އެރައިވަލް ވަރަށް ބޮޑަށް ދަށްވެއްޖެ، ގާތްގަނޑަކަށް 30 ޕަސެންޓުވަރު ދަށްވެއްޖެ މި ހަނގުރާމައާއެކު. ހަމައެގޮތަށް އަޅުގަނޑުމެންގެ ހަރަދުތައްވެސް ތެލާއި ކާޑުގެ ބާވަތްތަކަށް ކުރަންޖެހޭ ހަރަދު ވަރަށް ބޮޑަށް އިތުރުވެއްޖެ،" ޒަރީރު ވިދާޅުވިއެވެ.

މި އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ހަރަދު ކުޑަކުރުމުގެ ސިޔާސަތުތަކެއް ތަންފީޒުކުރަމުންދާ ފަދައިން، އާމްދަނީ އިތުރުކުރުމަށްވެސް ގާނޫނީ ގޮތުން މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.