MTCC

އަހަރުގެ މިހާތަނަށް އެންމެ ގިނަ މައްސަލަ ރިޕޯޓްކޮށްފައިވަނީ ޖުލައި މަހު

large_thumb_1787466440134

އަހަރުގެ މިހާތަނަށް އެންމެ ގިނަ މައްސަލަ ރިޕޯޓްކޮށްފައިވަނީ ޖުލައި މަހު

SHARE

ރާއްޖޭގައި މިއަހަރުގެ މިހާތަނަށް ހިނގާފައިވާ އެކި ކުށްތަކާއި ހާދިސާތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ފުލުހުންނަށް މައްސަލަތައް ރިޕޯޓްކޮށްފައިވަނީ ނިމިދިޔަ ޖުލައި މަހު ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ޖުމްލަ 8،131 މައްސަލައެއް ތަހުގީގު ކުރުމަށް ވަނީ ހުށަހަޅާފައެވެ. މީގެ ތެރެއިން ރެކޯޑް އަދަދަކަށް މައްސަލަ ރިޕޯޓްކުރި ޖުލައި މަހު އެކަނިވެސް 1,179 މައްސަލަ ވަނީ ހުށަހަޅާފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 234 މައްސަލައިގެ އިތުރުވުމެކެވެ؛ މިދިޔަ އަހަރުގެ ޖުލައިގައި ރިޕޯޓްކޮށްފައިވަނީ 945 މައްސަލައެވެ.

ޖުލައި މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ މަހު އެންމެ ގިނައިން ހުށަހެޅިފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެއީ 370 މައްސަލައެވެ. މިއީ އޭގެ ކުރީ މަސް ކަމަށްވާ ޖޫން މަހު އެންމެ ގިނައިން ރިޕޯޓްކުރި ވައްކަމުގެ މައްސަލަތަކަށް ވުރެ ތަފާތު ބަދަލެކެވެ.

ނަމަވެސް، މުޅި އަހަރުގެ ޖުމްލަ ރެކޯޑުތަކަށް ބަލާއިރު އަދިވެސް އެންމެ އާންމު ކުށެއްގެ ގޮތުގައި ފާހަގަކުރެވެނީ ވައްކަމެވެ. އެގޮތުން އަހަރުގެ މިހާތަނަށް ވައްކަމުގެ 2,226 މައްސަލަ ރިޕޯޓްކޮށްފައިވާއިރު، މިއީ ހުށަހެޅުނު ޖުމްލަ މައްސަލަތަކުގެ 27.3 އިންސައްތައެވެ. ވައްކަމުގެ މައްސަލަތައް އެންމެ މަތީގައި އުޅުނީ މެއި މަހުއެވެ. އެ މަހު 339 މައްސަލަ ހުށަހެޅުނެވެ. މިދިޔަ އަހަރުގެ ޖުމްލަ ރެކޯޑުތަކަށް ބަލާއިރުވެސް އެންމެ ގިނައިން ފުލުހަށް ހުށަހެޅިފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެއީ 3,478 މައްސަލައެވެ.

މިއަހަރުގެ މިހާތަނަށް ރިޕޯޓްކޮށްފައިވާ މައްސަލަތައް:

  • މަގުމަތީގެ އެކްސިޑެންޓް: 1,962
  • މަސްތުވާތަކެތީގެ މައްސަލަތައް: 1,752
  • ތަކެތި ގެއްލިގެން ހުށަހެޅި މައްސަލަ: 661
  • މާރާމާރީ އަދި އަނިޔާކުރުން: 424
  • މުދަލަށާއި ތަންތަނަށް ގެއްލުންދިނުން: 415
  • ގެވެށި އަނިޔާ: 212
  • ޚިޔާނާތް: 171
  • ޖިންސީ ގޯނާ އަދި ކުށްތައް: 169
  • ފޭރުން: 101
  • ފޯޖަރީ: 37
  • ޗެކް ބައުންސް: 1 މައްސަލަ ވަނީ ހުށަހަޅާފައެވެ.

މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ކުށްތައް ރިޕޯޓްކުރާ މިންވަރު އިތުރުވަމުންދާތީ، މުޖުތަމައުގެ އަމަންއަމާންކަން ދެމެހެއްޓުމަށާއި، ކުށްކުރުން ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރަމުންދާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. އަދި ރައްޔިތުން ހުށަހަޅާ މައްސަލަތައް އަވަހަށް ތަހުގީގުކޮށް އިންސާފު ގާއިމުކުރުމަށްޓަކައި ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ފުލުހުން ފާހަގަކުރެއެވެ.