ބާޒާރުގައި ވިއްކާ މުދަލާއި ކާބޯތަކެތީގެ އަގުތައް ފަސޭހަކަމާއެކު ބަލައިލެވޭ ގޮތަށް ސަރުކާރުން ތައާރަފުކުރި "އަގުމަގު" ޕޯޓަލްގައި މިހާތަނަށް 224 ފިހާރައަކުން ރަޖިސްޓްރީވެފައިވާ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ހާމަކޮށްފިއެވެ.
މި އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އިފްތިތާހުކުރި މި ޕޯޓަލްގެ މައިގަނޑު މަޤްޞަދަކީ އަސާސީ ކާބޯތަކެތި ރައްޔިތުންނަށް ފަސޭހައިން ލިބޭނެ މަގުފަހިކޮށްދިނުމާއެކު، ބާޒާރުގައި ތަކެތީގެ އަގުތައް ހުރި މިންވަރު ދެނެގަތުމުގެ ފުރުޞަތު އާންމުންނަށް ހުޅުވާލުމެވެ. ފުރަތަމަ މާލެ ސަރަޙައްދުގެ ފިހާރަތަކަށް ޚާއްޞަކޮށްގެން ފެށި މި ޚިދުމަތް މިހާރު ވަނީ މޯބައިލް އެޕްލިކޭޝަނެއްގެ ގޮތުގައި ވެސް ތަޢާރަފުކޮށްފައެވެ. މިއާއެކު އަތޮޅުތަކުގެ ރަށްރަށުގެ ބާޒާރުގެ އަގުތައް ވެސް މިހާރު މި އެޕްލިކޭޝަން މެދުވެރިކޮށް ބަލައިލެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވި ގޮތުގައި "އަގުމަގު" އެޕްލިކޭޝަނަށް އާންމުންގެ ބޮޑު ތަރުޙީބެއް އަންނަނީ ލިބެމުންނެވެ. އެގޮތުން މިހާތަނަށް 3،300 އަށްވުރެ ގިނަ މީހުން މި އެޕް ޑައުންލޯޑް ކޮށްފައިވާއިރު، ކޮންމެ ދުވަހަކުވެސް 2،700 އަށްވުރެ ގިނަ މީހުން މި އެޕްލިކޭޝަންގެ ބޭނުން ހިފަމުންދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި، ޕޯޓަލް އަދި އެޕްގައި ހިމަނާފައިވާ އަސާސީ ކާބޯތަކެތީގެ ލިސްޓަކީ ރާއްޖެއާއި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ބަލައިގެން އެކުލަވާލާފައިވާ ލިސްޓެކެވެ. މި އެޕްލިކޭޝަންގެ ސަބަބުން ކޮންމެ ދުވަހަކު އާންމުކޮށް ބޭނުންކުރާ މުދަލުގެ އަގުތައް އެއް ޕްލެޓްފޯމަކުން ވަގުތުން ބަލައިލެވެއެވެ.
މީގެއިތުރުން، އެކި ފިހާރަތަކުގައި މުދާ ވިއްކަން ހުރި އެންމެ ހެޔޮ އަގާއި އެންމެ ބޮޑު އަގު ވަކިން އެނގެން ހުންނައިރު، ވޭތުވެދިޔަ 10 ދުވަހުގެ ތެރޭގައި އެ ތަކެތީގެ އަގަށް އައިސްފައިވާ ބަދަލުތަކުގެ ތަފާސްހިސާބުތައް ވެސް މި އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ބަލައިލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. ސަރުކާރުގެ މި އިސްނެގުމުގެ ސަބަބުން ވިޔަފާރިތަކުގެ މެދުގައި ވާދަވެރިކަން އުފެދި، އާންމު ރައްޔިތުންނަށް ހެޔޮ އަގުގައި ތަކެތި ލިބުމަށް މަގުފަހިވެގެންދާނެއެވެ.