MTCC

ޓީޖީއެސްޓީއަށް ލިބުނު ކުރިއެރުމާއެކު ދައުލަތުގެ އާމްދަނީ 10 އިިންސައްތަ އިތުރުވެއްޖެ

މާލީ ވުޒާރާ

ޓީޖީއެސްޓީއަށް ލިބުނު ކުރިއެރުމާއެކު ދައުލަތުގެ އާމްދަނީ 10 އިިންސައްތަ އިތުރުވެއްޖެ

SHARE

ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓީޖީއެސްޓީއިން ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެން، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ 10.4 އިންސައްތަ މައްޗަށް ހިނގައްޖެއެވެ.

މާލީ ވުޒާރާއިން އާންމުކުރި "ވީކްލީ ފިސްކަލް ރިޕޯޓް" ގައިވާ ގޮތުން، މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 27.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 24.5 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ.

އާމްދަނީ މި މިންވަރަށް މައްޗަށް ދިޔަ މައިގަނޑު ސަބަބަކީ ޓޫރިޒަމް ދާއިރާގެ ޓެކްސްތަކުން ލިބުނު ފައިސާ އިތުރުވުމެވެ. އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި އެކަނިވެސް 7.2 ބިލިޔަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މިއީ މިދިޔަ އަހަރު ލިބުނު 6.8 ބިލިޔަން ރުފިޔާއަށްވުރެ 6.5 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެއިތުރުން، އާންމު ޖީއެސްޓީ ހިމެނޭހެން ޖުމްލަ މުދަލާއި ޚިދުމަތުގެ ޓެކުހުގެ އާމްދަނީ ވަނީ 9.9 ބިލިޔަނުން 10.7 ބިލިޔަން ރުފިޔާއަށް އުފުލިފައެވެ.

މާލީ ވުޒާރާގެ ހިސާބުތައް ދައްކާގޮތުން އެހެނިހެން ދާއިރާތަކުން ލިބުނު އާމްދަނީއަށްވެސް ވަނީ ކުރިއެރުން އައިސްފައެވެ. އެގޮތުން:

  • ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް: 4.5 ބިލިޔަން ރުފިޔާއިން 5.4 ބިލިޔަން ރުފިޔާއަށް (%20.6 ގެ ކުރިއެރުމެއް)
  • އިމްޕޯޓް ޑިއުޓީ: 1.8 ބިލިޔަން ރުފިޔާއިން 2.1 ބިލިޔަން ރުފިޔާއަށް
  • ގްރީން ޓެކްސް: 1.3 ބިލިޔަން ރުފިޔާ
  • ޓެކްސް ނޫން އާމްދަނީ: 5.5 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.

ދައުލަތަށް ލިބުނު އާމްދަނީ އިތުރުވި ނަމަވެސް، ހަމަ އެ މުއްދަތުގައި ދައުލަތުގެ ޖުމްލަ ޚަރަދުތައްވެސް ވަނީ މައްޗަށް ގޮސްފައެވެ. މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން 28.1 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 19.3 އިންސައްތަ އިތުރު އަދަދެކެވެ. ޚަރަދުތަކުގެ ބޮޑުބައެއް ހިއްސާކުރަނީ ރިކަރަންޓް ޚަރަދެވެ. އެއީ 24.5 ބިލިޔަން ރުފިޔާއެވެ. އަދި ތަރައްޤީގެ މަޝްރޫޢުތަކަށް ކުރި ޚަރަދު ނުވަތަ ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.6 ބިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ފިސްކަލް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދައުލަތުގެ ބަޖެޓުގެ ޕްރައިމަރީ ސާޕްލަސް މިހާރު 2.4 ބިލިޔަން ރުފިޔާގައި ހުރި ނަމަވެސް، ޖުމްލަ ބަޖެޓު މިވަގުތު އޮތީ 950.3 މިލިޔަން ރުފިޔާގެ ޑެފިސިޓެއްގައެވެ.