މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއަށް ބިމެއް ހަމަޖެއްސުމާ ގުޅޭގޮތުން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު ރަސްމީކޮށް މަޝްވަރާތައް ފަށައިފިއެވެ.
މި ހަފުތާގެ ތެރޭގައި ބޭއްވި މި ބައްދަލުވުމުގައި އެމްޓީސީސީގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އާއި ކުންފުނީގެ އިސްވެރިންނެވެ. އަދި އެޗްޑީސީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރުގެ އިތުރުން މެނޭޖުމަންޓުގެ އިސް ވެރިންނެވެ.
އެމްޓީސީސީން ހާމަކުރިގޮތުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2017 ވަނަ އަހަރު އިއުލާނުކުރި "ހިޔާ މަޝްރޫއު"ގެ ދަށުން އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަކުރި ޓަވަރުތަކުގެ މަސައްކަތް ހުއްޓި، ވުޖޫދަށް ނައުމަކީ މުވައްޒަފުންނަށް ލިބުނު ވަރަށް ބޮޑު މާޔޫސްކަމެކެވެ. އެހެންކަމުން، މުވައްޒަފުންގެ އަގުވަޒަންކޮށް އެ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަކީ މިހާރުގެ މެނޭޖްމަންޓުން އެންމެ އިސްކަންދޭ އެއް އަމާޒެވެ.
މި މަޝްރޫއު އަލުން ފެށުމަށްޓަކައި އެމްޑީ އަހުމަދު ސައުދީގެ އިސްނެންގެވުމުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި ދެންނެވުމުން، އެމަނިކުފާނު ވަނީ އެކަމަށް އިޖާބަދެއްވައި، އެމްޓީސީސީއަށް ބިމެއް ހަމަޖައްސައިދިނުމަށް އެދިވަޑައިގެން އެޗްޑީސީއަށް އަންގަވާފައެވެ. އެމްޓީސީސީން ބުނީ އެޗްޑީސީއާއެކު ކުރެވޭ މަޝްވަރާތަކަށްފަހު ބިން ހަމަޖެހުނުހާ އަވަހަކަށް، ޓަވަރުތައް އެޅުމުގެ އަމަލީ މަސައްކަތް ވީ އެންމެ އަވަހަކަށް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި މިއީ ކުންފުނީގެ ތަރައްގީއަށް ރެޔާއި ދުވާލު މަސައްކަތްކުރާ އިހުލާސްތެރި މުވައްޒަފުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް އެ ކުންފުނިން ފާހަގަކުރިއެވެ.
ކުރިން ރޭވިފައި އޮތް ގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެޅުމަށް ނިންމާފައިވަނީ 400 ފްލެޓް ހިމެނޭ 14 ބުރީގެ ދެ ޓަވަރެވެ. ނަމަވެސް 2017 ވަނަ އަހަރު އެމަޝްރޫއަށް ހުޅުމާލެ 2 ގައި 15 ފުލޯގެ ދެ ޓަވަރު އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާ އެކު، ބިޑު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ބޭރުގެ ކުންފުންޏަކަށް އިވެލުއޭޝަން ކްރައިޓީރިއާއާ ހިލާފަށް ޕޮއިންޓް ދީ، އެ ޕްރޮޖެކްޓް އެ ކުންފުންޏާ ހަވާލުކުރި ކަމަށް ތުހުމަތުކުރާ މައްސަލަ އެ މަޝްރޫއު ކުރިއަށް ނުގޮސް ހުއްޓިފައި އޮތުމަށްފަހު، މިހާރުގެ ސަރުކާރުން މިވަނީ އެ މަޝްރޫއު އަލުން ހަގީގަތަކަށް ހެދުމުގެ މަސައްކަތް ފަށާފައެވެ.