MTCC

ދުނިޔޭގެ އެންމެ ބޮޑު ގުރްއާން މުބާރާތުން 4 ވަނަ ދިވެއްސަކަށް

773519283-878374931810956-127769322522854465-n-768x576

ދުނިޔޭގެ އެންމެ ބޮޑު ގުރްއާން މުބާރާތުން 4 ވަނަ ދިވެއްސަކަށް

SHARE

ސައޫދީ އަރަބިއްޔާގެ މައްކާގައި ކުރިއަށްދިޔަ ބައިނަލްއަގުވާމީ ގުރުއާން ހިތުދަސްކުރުމުގެ ބޮޑު މުބާރާތުން ދިވެހިރާއްޖޭގެ ދަރިވަރަކު ޝަރަފުވެރި ހަތަރުވަނަ ހޯދައި، ގައުމަށް ރީތި ނަން ހޯދައިދީފިއެވެ.

މުޅި ދުނިޔޭގެ 133 ގައުމަކުން ވާދަކުރި މި ޝަރަފުވެރި މުބާރާތުން 4 ވަނަ ހޯދާފައިވަނީ މއ. އަސާސް، އަލްޙާފިޒާ ފާތިމަތު ޝާޔާ ޒާހިރެވެ. އޭނާ ހާސިލުކުރި މި ކާމިޔާބީއާ ގުޅިގެން އިނާމެއްގެ ގޮތުގައި 170،000 ސައޫދީ ރިޔާލް ވަނީ ލިބިފައެވެ.

މިއީ ވޭތުވެދިޔަ 46 އަހަރު ދުވަހު ބާއްވަމުން އަންނަ ދުނިޔޭގެ އެންމެ ބޮޑު ގުރުއާން މުބާރާތުގެ ތާރީޚުގައި އަންހެން ބައިވެރިންނަށް ފުރުސަތު ހުޅުވާލި ފުރަތަމަ ފަހަރެވެ. އަދި އަލަށް ތައާރަފުކުރި އަންހެން ކުދިންގެ ބައިން ރާއްޖޭގެ ދަރިވަރަކު ވަނަ ހޯދުމަކީ ދިވެހިރާއްޖެއަށް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ.

މުބާރާތުގެ ނަތީޖާ ފާޅުކުރުމަށްޓަކައި ރޭ މަސްޖިދުލް ހަރަމްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މައްކާގެ އަމީރުގެ ނައިބު ޕްރިންސް ސުއޫދު ބިން މިޝްއަލް ބިން ޢަބްދުލްއަޒީޒެވެ. މި ޙަފްލާގައި ސައޫދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުއްލަޠީފް އާލުއްޝައިޚާއި، މަސްޖިދުލް ހަރަމްގެ އިމާމު ޝައިޚް ޑރ. އަބްދުއްރަޙްމާނުއް ސުދައިސްގެ އިތުރުން ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވެސް ޚާއްސަ މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ސައޫދީ އިސްލާމިކް މިނިސްޓަރު ވަނީ ޝާޔާއާއި އޭނާގެ އާއިލާއާ ބައްދަލުކުރައްވައި، ހޯދި މަތިވެރި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެ ހިތްވަރު ދެއްވާފައެވެ.

މި ކާމިޔާބީ ފާހަގަކުރައްވައި ވަޒީރު ޝަހީމް ވިދާޅުވީ، ދުނިޔޭގެ ފެންވަރުގެ މިފަދަ ބޮޑު ވާދަވެރި މުބާރާތަކުން ރާއްޖެ ތަމްސީލުކުރި ބައިވެރިއަކު މިފަދަ ފަޚުރުވެރި ވަނައެއް ހޯދުމަކީ މުޅި ރާއްޖެއަށް ލިބުނު ވަރަށް މަތިވެރި އިއްޒަތަކާއި ޝަރަފެއް ކަމަށެވެ.