ރާއްޖޭގެ ސިއްހީ ހިދުމަތްތައް އިތުރަށް ޒަމާނީކޮށް، ފަސޭހަކަމާއެކު ސްކޭންގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އެސްޓީއޯ ހެލްތުކެއާ އިން ޖީއީ ހެލްތުކެއާ ބްރޭންޑުގެ ޕޮކެޓް ސައިޒް އަލްޓްރާސައުންޑް "ވީ ސްކޭން" މޮޑެލްތައް ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ.
ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޑިވައިސް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އާއި، ޖީއީ ހެލްތުކެއާގެ ދެކުނު އޭޝިއާ ސަރަޙައްދުގެ ސޭލްސް ހެޑް ޖަގްދިޝް ބާބޫއެވެ.
މި އާ ޑިވައިސްގެ ސަބަބުން ސްކޭން ކުރުމަށްޓަކައި ހަމައެކަނި ކޮންސަލްޓޭޝަން ރޫމްތަކަށް ބަރޯސާވުމުގެ ބަދަލުގައި، ބަލިމީހާ އޮންނަ ތަނަކުން ފަސޭހަކަމާއެކު މި ޚިދުމަތް ދިނުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. ޚާއްޞަކޮށް، ރާއްޖެ ފަދަ ކުދި ރަށްތަކަށް ބެހިފައިވާ ޖަޒީރާ ޤައުމެއްގައި، ފަސޭހައިން އެއްތަނުން އަނެއްތަނަށް ގެންދެވޭ މިފަދަ ޕޯޓަބަލް ވަސީލަތެއް ތަޢާރަފްވުމަކީ ރަށްރަށުގައި ތިބެގެން ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ހޯދުމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ.
މި ސްކޭން މެޝިނަކީ އެޕަލް އަދި އެންޑްރޮއިޑްގެ ފޯނުތަކާއި ލެޕްޓޮޕް ފަދަ ސްމާޓް ޑިވައިސްތަކާ ގުޅާލައިގެން ބޭނުންކުރެވޭ، އަދި ބައިނަލްއަޤްވާމީ މިންގަނޑެއް ކަމަށްވާ "ޑައިކޮމް" ސްޓޭންޑަޑްގައި ސްކޭން އިމޭޖްތައް ފަސޭހައިން ހިއްސާކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އީޖާދީ އުފެއްދުމެކެވެ.
ޖީއީ ހެލްތުކެއާގެ ރާއްޖޭގެ ރަސްމީ ޑިސްޓްރިބިއުޓަރަކީ އެސްޓީއޯ ކަމަށްވާއިރު، މި ބްރޭންޑަކީ މިހާރުވެސް ރާއްޖޭގެ ބޮޑެތި ހޮސްޕިޓަލްތަކާއި ރޭޑިއޮލޮޖިސްޓުންގެ މެދުގައި ބޮޑު އިތުބާރެއް ހޯދާފައިވާ ބްރޭންޑެކެވެ. މި ވަސީލަތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ވިއްކުމަށްފަހު ދޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށްޓަކައި އެސްޓީއޯގެ ބަޔޯމެޑިކަލް ޓީމުގައި ވަނީ އެމް.އާރު.އައި، ސީޓީ، މެމޮގްރަފީ އަދި އަލްޓްރާ ސައުންޑް ފަދަ އެކި ދާއިރާތަކަށް ހާއްސަ ސެޓިފައިޑް އިންޖިނިއަރުން ތަމްރީނުކޮށްފައެވެ. މީގެ ތެރޭގައި ދިވެހި އަންހެން އިންޖިނިއަރުން ހިމެނޭކަން އެސްޓީއޯއިން ފަޚުރުވެރިކަމާއެކު ފާހަގަކުރެއެވެ.
މިފަދަ ޒަމާނީ އަދި އީޖާދީ ވަސީލަތްތައް ރާއްޖެއަށް ތަޢާރަފްކުރުމަކީ ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްޤީކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް އެސްޓީއޯއިން ކުރަމުންދާ މުހިންމު މަސައްކަތްތަކަށް ލިބުނު އިތުރު ކާމިޔާބީއެކެވެ.