ދުންފަތާއި ނިކޮޓިންގެ ނުރައްކަލުން ރައްޔިތުން ސަލާމަތްކޮށް ހޭލުންތެރިކުރުމަށާއި، ދުންފަތް މަނާކުރުމުގެ ޖީލެއް ނުވަތަ "ޖެނެރޭޝަނަލް ބޭން" އެއް ތަންފީޒުކުރުމަށްޓަކައި މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ.
މި ނިންމެވުންތައް ނިންމަވާފައިވަނީ މިދިޔަ އާދިއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި ނިންމެވުންތަކުގެ ތަފްސީލު ހާމަކުރައްވަމުން ވިދާޅުވީ، ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ ދެކޮޅަށް ހިންގާ ޤައުމީ ކެމްޕޭނާއި ސިނގިރޭޓުގެ އިމްޕޯޓް ޑިއުޓީ ރޭޓުތައް މުރާޖަޢާކުރުމާ ގުޅޭގޮތުން އެކުލަވައިލި ސަބް-ކޮމިޓީގެ ހުށަހެޅުންތަކަށް ވަޒީރުންގެ މަޖިލީހުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށެވެ.
މި މަޝްވަރާތަކަށްފަހު، ސްކޫލް ނިޒާމުގެ ތެރެއިން ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމުގެ މަސައްކަތްތައް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ގުޅިގެން ކޯޑިނޭޓްކޮށް، މިނިސްޓްރީ އޮފް ހެލްތުން ކުރިއަށްގެންދިއުމަށް ވަނީ ކަނޑައަޅުއްވާފައެވެ. އަދި މި ކެމްޕޭން ހަރުދަނާކަމާއެކު ވިލަރެސްކުރެވޭނެ ހާއްސަ ނިޒާމެއް އެކަށައެޅުމަށްވެސް ވަނީ ނިންމަވާފައެވެ.
މީގެއިތުރުން، މި ޤައުމީ މަސައްކަތުގައި މަދަނީ ޖަމްޢިއްޔާތަކުގެ ދައުރު ފުޅާކުރުމުގެ ގޮތުން، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން މި ކެމްޕޭނުގައި ބައިވެރިވާނެ ފަރާތެއް ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ފުރަތަމަ ފިޔަވަހީގައި ކޮންމެ އަތޮޅަކުން މަދުވެގެން އެއް ޖަމިއްޔާ އަދި މާލޭ ސަރަޙައްދުން ގިނަ ޢަދަދެއްގެ ޖަމްޢިއްޔާތައް ބައިވެރިކުރުމަށް ވަނީ ނިންމަވާފައެވެ. އަދި ރަށްރަށުގައި ތިއްބަވާ ޔޫތު އެސޯސިއޭޓުންނާއި، ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ގުޅިގެން މި ހަރަކާތްތައް ރަށްރަށުގައި ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ނިންމެވުންތަކުގެ ތެރޭގައި ކުޅިވަރުގެ ދާއިރާއަށްވެސް ހަރުދަނާ އުސޫލުތަކެއް ވަނީ ކަނޑައަޅުއްވާފައެވެ. އެގޮތުން، ޤައުމީ ޓީމުތަކުގައި ވާދަކުރެވޭނީ ދުންފަތުގެ އިސްތިޢުމާލުކުރުމާ މުޅިން ދުރުހެލިވެފައިވާ އެތުލީޓުންނަށް އެކަނި ކަމަށް ހެދުމުގެ އަމާޒުގައި، ކުޅުންތެރިންނަކީ ދުންފަތާ ދުރު ބަޔަކަށް ހެދުމަށް ހާއްސަ ލަނޑުދަނޑިތަކެއް ހާސިލުކުރުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.
ދުންފަތުގެ ނުރައްކަލުން ދިވެހި މުޖުތަމަޢު ރައްކާތެރިކޮށް، ދުންފަތާ ދުރު ދުޅަހެޔޮ ޒުވާން ޖީލެއް ބިނާކުރުމަކީ ރައީސްގެ ވަރަށް ބޮޑު އިސްކަމެއް ދެއްވާ ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން ސަރުކާރުން އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކަށް ޢާންމު ރައްޔިތުންނާއި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ބޮޑު ތާއީދެއް ދަނީ ލިބެމުންނެވެ.