MTCC

ވައިގެ ދަތުރުފަތުރު ފުޅާކުރުމަށް ރަޝިޔާ އަށް ކުރާ ދަތުރުގައި އެމްއޭސީއެލްއިން ބައިވެރިވެއްޖެ

HPhYvCJbgAA3FES

ވައިގެ ދަތުރުފަތުރު ފުޅާކުރުމަށް ރަޝިޔާ އަށް ކުރާ ދަތުރުގައި އެމްއޭސީއެލްއިން ބައިވެރިވެއްޖެ

SHARE

ރަޝިޔާއިން ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށާއި، ދެގައުމުގެ ދެމެދުގައި ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކޮށް ވަރުގަދަކުރުމަށް ރަޝިޔާ އަށް ކުރާ މުހިންމު ދަތުރެއްގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބައިވެރިވެއްޖެ އެވެ.

މި އޮގަސްޓް މަހުގެ 17 އިން 21 އަށް ރަޝިޔާގެ ވެރިރަށް މޮސްކޯ އަދި ވިޔަފާރީގެ މައި މަރުކަޒު ކަމަށްވާ ސެއިންޓް ޕީޓަރސްބާގަށް ކުރާ މި ދަތުރުގައި ރާއްޖޭގެ ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ދާއިރާގެ އިސް ފަރާތްތައް ހިމެނޭ ވަފުދެއް ބައިވެރިވެ އެވެ. މި ވަފުދުގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، އެމްއޭސީއެލް އަދި ޤައުމީ އެއާލައިން މޯލްޑިވިއަންގެ އިތުރުން ރިސޯޓް ލައިފް ޓްރެވަލް، އިން ޓުއާ މޯލްޑިވްސް އަދި ފަތުރުވެރިކަމުގެ ދާއިރާގެ އަމިއްލަ އެހެނިހެން ކުންފުނިތަކުގެ މަންދޫބުން ހިމެނެއެވެ.

ރަޝިޔާ އަކީ ދިވެހިރާއްޖެއަށް އެންމެ މުހިންމު އެއް މާކެޓަށް ވުމާއެކު، މި ދަތުރުގެ މައިގަނޑު ބޭނުމަކީ އެ ޤައުމުން ރާއްޖެއަށް އޮތް ބޮޑު ތަރުހީބުގެ މައްޗަށް ބިނާކޮށް، މާކެޓު އިތުރަށް ފުޅާކުރުމެވެ. މި ދަތުރުގެ ތެރޭގައި މޮސްކޯ އަދި ސެއިންޓް ޕީޓަރސްބާގުގެ ސަރުކާރުގެ އިދާރާތަކާއި، އެއާލައިންތަކާއި، ޓުއާ އޮޕަރޭޓަރުންގެ އިތުރުން ޓްރެވަލް ޓްރޭޑް ބައިވެރިންނާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތަކުގައި ރޫސީވިލާތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރެވޭނެ ގޮތްތަކާއި، އެ މާކެޓުގައި ރާއްޖޭގެ ހަރަކާތްތެރިކަން ވަރުގަދަކޮށް، ރާއްޖެ އިޝްތިހާރުކުރާ ފަރާތްތަކާއެކު ގާތުން މަސައްކަތްކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.

އެމްއޭސީއެލުން ހާމަކުރި ގޮތުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް މިހާރު ދަތުރުކުރާ އެއާލައިންތަކާއި އަލަށް ގުޅެން ޝައުޤުވެރިވާ އެއާލައިންތަކާއެކު ވެސް ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތަކުގައި މިހާރު ދެމުންދާ ޚިދުމަތްތަކުގެ ފްރީކުއެންސީއާއި ކެޕޭސިޓީ އިތުރުކުރުމަށާއި، އަހަރުގެ ހުރިހާ ދުވަސްވަރެއްގައި މެދުކެނޑުމެއްނެތި ދަތުރުތައް ކުރެވޭނެ ގޮތްތަކުގެ އިތުރުން، ވީއައިއޭއަށް އަލަށް ސީދާ ދަތުރުތައް ފެށުމުގެ ފުރުސަތުތަކާ ގުޅޭގޮތުން ވާހަކަދެކެވޭނެއެވެ. އަދި ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް ކުންފުނިތަކާއެކު ބާއްވާ ބައްދަލުވުންތަކުގެ ސަބަބުން، ޑިމާންޑް އިތުރުވަމުންދާ ދާއިރާތައް ދެނެގަނެވި، ރާއްޖެ އިޝްތިހާރުކުރުމާއި ޓްރެވަލް ޕެކޭޖުތައް މެދުވެރިކޮށް އެއަރލައިންތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް އެއްބާރުލުން ދެވޭނެ މަގުތައް ފަހިވެގެންދާނެއެވެ.

ރޫސީވިލާތަށް ކުރާ މި ދަތުރަކީ މި އަހަރުގެ ޖުލައި މަހު ރާއްޖޭގެ ވަފުދަކުން ޗައިނާއަށް ކުރި ކާމިޔާބު ދަތުރެކޭ އެއްފަދައިން، ބައިނަލްއަޤުވާމީ މުހިންމު މާކެޓުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށާއި ވައިގެ މަގުން ގުޅުވާލުން ވަރުގަދަކުރުމަށް ކުރެވެމުންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި މަސައްކަތުގައި އެމްއޭސީއެލްގެ މައިގަނޑު އަމާޒަކީ އެއާލައިންތަކާއި ފަތުރުވެރިކަމުގެ ބައިވެރިންނާ ގުޅިގެން ސީދާ މަސައްކަތްތަކެއް ކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދެވޭ ޚިދުމަތްތައް އިތުރަށް ފުޅާކުރުމާއި، މި މާކެޓުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ދަތުރުފަތުރުގެ ފަސޭހަކަން އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމެވެ.