MTCC

ސައުދީން އުފައްދާ ދިފާއީ އިއްތިހާދުގައި ރާއްޖެއިން ބައިވެރިވުމަށް މަޖިލީހުން ފާސްކޮށްފި

w1f3idhx09ize44zjpmzguwfoknnx8gnl1r5cilh-876x584

ސައުދީން އުފައްދާ ދިފާއީ އިއްތިހާދުގައި ރާއްޖެއިން ބައިވެރިވުމަށް މަޖިލީހުން ފާސްކޮށްފި

SHARE

ގަލްފް ސަރަޙައްދުގެ ކަނޑުމަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ސައުދީ އަރަބިއްޔާއިން އިސްނަގައިގެން އުފައްދާ ބައިނަލްއަޤްވާމީ ދިފާޢީ އިއްތިހާދުގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލައަށް ވޯޓަށް އެހުމުން، އެ އިއްތިހާދުގައި ރާއްޖެއިން ބައިވެރިވުމަށް ފެންނަކަމަށް 58 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. އަދި ބައިވެރިވާން ނުފެންނަކަމަށް އެއް މެންބަރަކު ވޯޓު ދެއްވި އިރު، ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާ ކަމަށް 6 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

މި އިއްތިހާދަކީ ބާބުލްމަންދަބު ކަނޑުއޮޅިއާއި، ރަތްކަނޑު އަދި އަދަން ކަނޑުއޮޅި ހިމެނޭ ސަރަޙައްދުގައި ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ބައިނަލްއަޤްވާމީ ވިޔަފާރިއާއި ހަކަތަ ފޯރުކޮށްދޭ މައި މަގުތައް ހިމާޔަތްކުރުމުގެ މަޤްޞަދުގައި ސައުދީ އަރަބިއްޔާއާއެކު އިތުރު 13 ޤައުމެއް ގުޅިގެން އުފައްދާފައިވާ ކޯލިޝަނެކެވެ.

މި އިއްތިހާދުގައި މިހާރު ހިމެނޭ ޤައުމުތަކުގެ ތެރޭގައި ސައުދީގެ އިތުރުން ތުރުކީވިލާތް، ކުވެއިތު، ބަހްރެއިން، ޤަޠަރު، އުރުދުން، މިޞްރު، ޕާކިސްތާން، ޖިބޫތީ، ސޯމާލިއާ، ބަންގްލަދޭޝް، ޔަމަން އަދި ކޮމޮރޯސް ހިމެނެއެވެ.

މި ކޯލިޝަންގެ ދާއިމީ ހެޑްކުއާޓަރު ސައުދީ އަރަބިއްޔާގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާއިރު، އިއްތިހާދުގެ މެންބަރު ޤައުމުތަކުން ހާމަކޮށްފައިވާ ގޮތުގައި މި އިއްތިހާދުގެ ހުރިހާ ޙަރަކާތްތަކެއްވެސް ކުރިއަށްދާނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ދައުލަތްތަކުގެ މިނިވަންކަމާއި ސިޔާދަތަށް ފުރިހަމައަށް އިޙްތިރާމްކުރެވިގެންނެވެ. އަދި އިއްތިހާދުގެ ޙަރަކާތްތަކުގައި ބައިވެރިވުމަކީ ކޮންމެ ޤައުމެއްގެ ވެސް އަމިއްލަ އިޚްތިޔާރުގައި އޮންނާނެ ކަމެއް ކަމަށްވެސް އެ ޤައުމުތަކުން ވަނީ ބުނެފައެވެ.