ދައުލަތުގެ ވަޒީފާތަކަށް މީހުން ބަރޯސާވާ މިންވަރު ކުޑަކޮށް، އަމިއްލަ ވިޔަފާރީގެ ދާއިރާއިން ޒުވާނުންނަށް އިގްތިސާދީ ފުރުސަތުތައް ހޯދައިދިނުމަށްޓަކައި 600 މިލިއަން ރުފިޔާގެ "ކުމެވި" އެސް.އެމް.އީ އިމްޕެކްޓް ފަންޑު ތައާރަފުކޮށްފައިވާ ކަމަށް މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ޒަރީރު ވިދާޅުވީ، އެސް.އެމް.އީ ޑިޖިޓަލްއާ ގުޅިގެން ހިންގާ މި ފަންޑުގެ މައިގަނޑު އަމާޒަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ދީގެން އާ ވަޒީފާތައް އުފެއްދުން ކަމަށެވެ. އަދި މިއީ ސަރުކާރު ހިއްސާވާ ކުންފުނިތައް ރީސްޓްރަކްޗަރ ކުރުމުގެ ސިޔާސަތުގެ ތެރެއިން، ދައުލަތުގެ އިދާރާތަކުން ބޭރުން އާމްދަނީ ހޯދުމުގެ މަގުތައް ޒުވާނުންނަށް ފުޅާކޮށްދިނުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ސަރުކާރު ކުންފުނިތަކުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ވަޒީރު ހާމަކުރެއްވި ގޮތުގައި، ފާއިތުވި ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ވަނީ ދެގުނައަށް އިތުރުވެފައެވެ. އެގޮތުން 2018 ވަނަ އަހަރު 18,676 ގައި ހުރި މުވައްޒަފުންގެ އަދަދު، ވެރިކަން ނިމުނުއިރު 36,729 އަށް އަރާފައިވާ ކަމަށާއި، މިހާރު ޖުމްލަ 41,667 މުވައްޒަފުން އެ ކުންފުނިތަކުގައި މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. މީގެ ސަބަބުން ދައުލަތުގެ ބަޖެޓަށް އޮތް ބުރަ ބޮޑުވެގެން ގޮސްފައިވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި ހަރަދުތައް ކުޑަކޮށް، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަށް ޕީ.ސީ.ބީ މެދުވެރިކޮށް އަންގާފައިވާނެ ކަމަށް ޒަރީރު ވިދާޅުވިއެވެ. އެހެންނަމަވެސް، ސިޔާސީ ފިކުރަކަށް ބަލައިގެން ވަކިވަކި މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ އެއްވެސް ސިޔާސަތެއް ސަރުކާރުން ނުގެންގުޅޭނެ ކަމަށާއި، ކުންފުނިތަކުގެ އެތެރޭގެ ނިންމުންތަކަށް މިނިސްޓްރީން ނުފޫޒު ނުފޯރުވާނެ ކަމުގެ ޔަގީންކަން ޒަރީރު ދެއްވިއެވެ.
މީގެ އިތުރުން، ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތަފްސީލު ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން މިހާރު އުވާލާފައިވާ ކަމަށާއި، އެމް.އައި.ޓީ.ޑީ.ސީ އުވާލުމުގެ މަރުހަލާ ކުރިއަށްދާ ކަމަށެވެ. އަދި ރީޖަނަލް އެއާޕޯޓްސް ކުންފުނި އެމް.އޭ.ސީ.އެލްގެ ދަށަށް ބަދަލުކުރުމާ ގުޅިގެން، ހިންގުމުގެ ހަރަދުން މަހަކު 10 މިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ދައުލަތުގެ ކުންފުނިތައް މާލީ ގޮތުން ދެމެހެއްޓެނިވި އިދާރާތަކަކަށް ހެދުމާއެކު، އަމިއްލަ މަސައްކަތުން ކުރިއަރައިދާން ބޭނުންވާ ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދީ، ގައުމުގެ އިގްތިސާދީ ދުވެލި ވަރުގަދަކުރުން ކަމަށެވެ.