ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ސަރަހައްދުގައި އެމްޓީސީސީން ގާއިމުކުރި ދެވަނަ ޕަމްޕް ސްޓޭޝަންގެ މަސައްކަތް ނިންމައި، ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، މި މަޝްރޫއުގެ ތެރެއިން އެމްއެމްއޭ ކައިރީގެ އިތުރުން މަސްވެރިންގެ ޕާކު ސަރަހައްދުގައި ވެސް ވަނީ ފެން ހިންދާ ޕަމްޕް ސްޓޭޝަންތައް ބަހައްޓައި، ޓެސްޓުކުރުމަށްފަހު އޮޕަރޭޝަނަށް ގެނެސްފައެވެ. މި ވަސީލަތްތައް ގާއިމުކުރުމުގެ މައިގަނޑު ބޭނުމަކީ ވިއްސާރަ މޫސުމުގައި ބޯކޮށް ވާރޭވެހި އެ ސަރަހައްދުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމާއި، ކުރިއަށްވުރެ އަވަސް މިނެއްގައި މަގުތަކުން ފެން ހިންދުމެވެ.
ސަރުކާރުން ހިންގި މި މަޝްރޫއުގެ ދަށުން، ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ބޮޑުތަކުރުފާނު މަގު ތަރައްގީކޮށް އާންމުކޮށް ހުޅުވާލާފައިވަނީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ. މި މަސައްކަތުގެ ތެރޭގައި އެމްއެމްއޭ އިން ފެށިގެން ނޯތު ހާބަރާ ހަމައަށް ތާރުއަޅައިގެން މަގު ހެދުމުގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކުރިމަތިން ފަޅުން ބައެއް ހިއްކައިގެން 500 ސައިކަލު ޕާކު ކުރެވޭނެ ބޮޑު ޕާކިން ޒޯނެއް ވެސް ވަނީ ހަދައިފައެވެ.
މީގެ އިތުރުން، ސަރުކާރުގެ ޕްލޭނާ އެއްގޮތަށް ބޮޑުތަކުރުފާނު މަގުގެ ނޯތު ހާބަރުން ފެށިގެން ވެސްޓްޕާކާ ހަމައަށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ. އަދި އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫއު ނިންމުމަށް ވެސް ސަރުކާރުން އަމާޒު ހިފާފައިވެއެވެ.