MTCC

ރާޔާ އެއާވޭސް އިން ވީއައިއޭއަށް ކާގޯ ދަތުރުތައް ފަށައިފި

b_202608140348511786704531.1414

ރާޔާ އެއާވޭސް އިން ވީއައިއޭއަށް ކާގޯ ދަތުރުތައް ފަށައިފި

SHARE

މެލޭޝިއާގެ މަޝްހޫރު ކާގޯ އެއާލައިން، ރާޔާ އެއާވޭސް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީ.އައި.އޭ) އަށް ތާވަލުކޮށްގެން ކުރާ ކާގޯ ދަތުރުތައް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މިއަދު ފެށި މި ދަތުރުތަކަކީ މެލޭޝިއާގެ ޕެނޭންގް އާއި ރާއްޖޭގެ މާލެއާ ދެމެދު ސީދާ ގުޅުމެއް ގާއިމުކުރުމަށް ފެށި ހިދުމަތެކެވެ. މިއީ މެލޭޝިއާއިން ރާއްޖެއަށް ތާވަލުކޮށްގެން ކުރާ ފުރަތަމަ ކާގޯ ދަތުރުތަކެވެ. މި ދަތުރުތައް ހަފުތާއަކު ދެ ދުވަހު ކުރުމަށް ހަމަޖެހިފައިވާއިރު، ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބޮއިންގް 767-200 މަރުކާގެ ބޯޓުފަހަރެވެ. މި ބޯޓުތަކުގައި ކޮންމެ ދަތުރަކު އެވްރެޖުކޮށް 46 ޓަނުގެ މުދާ އުފުލޭނެއެވެ.

ދެކުނު އިރުމަތީ އޭޝިއާގެ މަޝްހޫރު ލޮޖިސްޓިކްސް ކުންފުނި "ޓެލެޕޯޓް" އިން ޗާޓަރުކޮށްގެން ހިންގާ މި ދަތުރުތަކަކީ ދެކުނު އޭޝިއާ އާއި ރާއްޖެއާ ދެމެދު ގަވާއިދުން މުދާ އުފުލުމަށް ހުޅުވިގެންދިޔަ އާ ފުރުސަތެކެވެ. ރާޔާ އެއާވޭސް އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ ދެވަނަ ތާވަލު ކާގޯ އެއާލައިނެވެ.

މި ދަތުރުތަކުގައި އުފުލާ ކާގޯގެ 80 އާއި 90 އިންސައްތައަކީ ޓްރާންސްޝިޕްމަންޓް ކާގޯއެވެ. މީގެ ސަބަބުން ވީ.އައި.އޭ އަކީ ބައިނަލްއަގުވާމީ ކާގޯ ގުޅުވައިދޭ މުހިންމު ހަބަކަށް ވެގެންދާނެއެވެ. އަދި މުދާ ފޮނުވާ ފަރާތްތަކަށް ދުނިޔޭގެ މުހިންމު ބާޒާރުތަކަށް ވާސިލުވުމަށް އިތުރު މަގުތަކެއް ހުޅުވި، ވީ.އައި.އޭ އަކީ ޓްރާންސްޝިޕްމަންޓް ގޭޓްވޭއެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ.

އެއާޕޯޓުގެ ކާގޯ ހިދުމަތުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ޖެނުއަރީން ޖުލައި މަހުގެ ނިޔަލަށް 390 ކާގޯ ދަތުރު މެދުވެރިކޮށް 3,228 ޓަނުގެ މުދާ ވަނީ ހެންޑްލްކޮށްފައެވެ. މި ދަތުރުތަކުން ރާއްޖެ ވަނީ ބެންގަލޫރު، ޗެންނާއި، ޔަންގޯން، ކޮލަމްބޯ، ބެންކޮކް، ދުބައި އަދި ހަނޯއީ ފަދަ މުހިންމު މަންޒިލްތަކާ ގުޅުވާލަދީފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި 2025 ވަނަ އަހަރުވެސް 518 ކާގޯ ދަތުރު މެދުވެރިކޮށް 4,300 ޓަނަށްވުރެ ގިނަ މުދާ ވީ.އައި.އޭ އިން ވަނީ ހެންޑްލްކޮށްފައެވެ. އާ އެއާލައިންތަކާއެކު ރާއްޖޭގެ ކާގޯ ވިއުގަ އިތުރަށް ފުޅާވެ، އިގްތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.