ރާއްޖޭގެ މިނިވަންކަމުގެ ބަތަލު، އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމްގެ ހަނދާނުގައި ހއ. އުތީމުގައި ބިނާކުރި "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
މި ބިނާ ހުޅުއްވައިދެއްވީ މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ މިހާރު އުތީމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު ހެނދުނު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ބޮޑުތަކުރުފާނުގެ ހަދާންތައް ދިރުވައި އާލާކުރުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ ބައެއް މަޝްރޫއުއެކެވެ.
އެ ދޮރާށި ނިސްބަތްވަނީ އުތީމު ތިންބެއިންނަށެވެ، އުތީމުގެ ބަނދަރަށް ފައިބާއިރު، އެންމެ ފުރަތަމަވެސް ކަޅުއޮށްފުންމިއާ އެއްގޮތަށް ފަރުމާކޮށްފައިވާ ނަކަލެއް ބަހައްޓާފައިވާކަން ހީނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން އެ ސަރަހއްދުގައި މި ދޮރާށި ހުޅުވިގެން ދިޔުމަކީ އުތީމުގެ ބަނދަރު ސަރަހައްދުން އެ އާސާރުތައް ނުވަތަ ބޮޑުތަކުރުފާނުގެ ހަދާންތައް ވަރަށް ފުރިހައަށް އާލާވެގެންދާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ.
ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާވެސް މިއަދު އުތީމުގައި ބާއްވާފައިވާއިރު މި ޖަލްސާގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ތިން ބޭފުޅަކަށާއި ޖަމުޢިއްޔާއަކަށް ލިބިވަޑައިގަންނަވާއިރު، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހަތް ބޭފުޅަކަށާއި ކުންފުންޏަކަށް އެރުވުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، ވަކިވެދިޔަ ބޭފުޅެއްގެ ހަނދާނަށް ޚިދުމަތުގެ ޤައުމީ އިނާމު އެރުވުންވެސް މި ޖަލްސާގައި އޮންނާނެއެވެ.
އުތީމުގައި ޤައުމީ ދުވަހުގެ ހަރަކާތްތައް ފަށާފައިވަނީ އިއްޔެ ހެނދުނު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުންނެވެ. އަދި މި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ރޭ އެ ރަށުގައި ވަނީ ކުލަގަދަ ހަވާ އެރުވުމުގެ ހަރަކާތެއްވެސް ބާއްވާފައެވެ.
ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހު ފާހަގަކުރާ ޤައުމީ ދުވަހަކީ، ޕޯޗުގީޒުންގެ އަޅުވެތިކަމުގައި 15 އަހަރާއި 6 މަސް ދުވަހު އޮތުމަށްފަހު، މުޙައްމަދު ތަކުރުފާނާއި އެމަނިކުފާނުގެ އަސްޙާބުން ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވި ޒިކުރާ އާކުރާ ދުވަހެވެ.
މި ރަސްމިއްޔާތުތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.