MTCC

ކަށިމާ ޝާކިރަށް ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް އަރުވައިފި

447067-3-8f25f82700d3315c6dc4c13e1fbc124b80ad0504-876x565

ކަށިމާ ޝާކިރަށް ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް އަރުވައިފި

SHARE

ދިވެހި ދައުލަތަށާއި، ދިވެހި ތާރީޚާއި އަދަބިއްޔާތަށް ފޯރުކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، އަޙްމަދު ޝާކިރު (ކަށިމާ ޝާކިރު) އަށް ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް ކަމަށްވާ "ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް" މިއަދު އަރުވައިފިއެވެ.

ކަށިމާ ޝާކިރަށް މި ޝަރަފް އަރުވާފައިވަނީ މިއަދު ހއ. އުތީމުގައި ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މިއީ ވޭތުވެދިޔަ 55 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޝާކިރު ދިވެހި ގައުމަށް ކުރެއްވި އިޚުލާސްތެރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެރުވުނު ޝަރަފެކެވެ.

ޝާކިރު ދައުލަތުގެ ޚިދުމަތް ފެއްޓެވީ 30 ޖުލައި 1969 ގައެވެ. އޭނާ ވަނީ 41 އަހަރަށްވުރެ ގިނަ ދުވަހު މެދުނުކެނޑި ދައުލަތުގެ އެކި އިސް މަގާމުތައް ފުރުއްވާފައެވެ. މީގެ ތެރޭގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓުގެ ޑިރެކްޓަރ ޖެނެރަލް ކަމާއި، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުގެ އެގްޒެކެޓިވް ޑިރެކްޓަރުކަން ހިމެނެއެވެ. ދައުލަތުގެ ޚިދުމަތުން ވަކިވެވަޑައިގަތުމަށްފަހުވެސް، ވިލާ ކޮލެޖުގައި 12 އަހަރަށްވުރެ ދިގު މުއްދަތަކަށް ކިޔަވައިދެއްވައި، ސީނިއާ ކަރިކިއުލަމް ޑިވެލޮޕަރެއްގެ މަގާމު އަދާކުރައްވާފައިވެއެވެ.

އަދަބީ ދާއިރާއިން ބަލާއިރު، ޝާކިރަކީ ޅެންވެރިކަމާއި، ވާހަކަ ތަރުޖަމާކުރުމާއި، ތަމްސީލު ކުޅުމުގެ ރޮނގުން ރާއްޖެ ދށް ނަމޫނާ ޝަހުސިއްޔަތެކެވެ. އޭނާ ވަނީ "ޣާޒީ ބަންޑާރައިން" ފަދަ މަޝްހޫރު ފިލްމުތަކުގެ ސްކްރީންޕްލޭ ލިޔުއްވައި، އެކްޓް ކުރައްވާފައެވެ. އަދި އޮލިމްޕިއަންސް އާއި ސީ.ޑީ.އެސް މެދުވެރިކޮށް ރާއްޖޭގެ ތަމްސީލީ ފަންނު ކުރިއެރުވުމުގައި އިސް ދައުރެއް އަދާކުރެއްވިއެވެ.

ތާރީޚީ ދާއިރާއިން ޝާކިރު ކުރެއްވި އެންމެ ބޮޑު އެއް މަސައްކަތަކީ "ވިހިވަނަ ގަރުނުގެ ތެރޭގައި ދިވެހިރާއްޖެ" މި ނަމުގައި ލިޔުއްވި 640 ސަފުހާގެ ތާރީޚު ފޮތެވެ. މީގެ އިތުރުން ދައުލަތުގެ އެކި ވުޒާރާތަކުގެ ތާރީޚާއި، ރާއްޖޭގެ ޝަރުޢީ ނިޒާމާއި، ފައިސާގެ ތާރީޚާ ގުޅޭ މުހިންމު ފޮތްތަކެއް އޭނާ ވަނީ ލިޔުއްވާފައެވެ.

ތައުލީމީ ގޮތުން ޝާކިރު ވަނީ އުމުރުފުޅުން 69 އަހަރުގައި މާސްޓަރ އޮފް ޝަރީޢާ ހާސިލުކުރައްވާފައެވެ. މީގެ ކުރިން އޭނާ ވަނީ ޝަރީޢާ އެންޑް ލޯ އިން ފުރަތަމަ ޑިގްރީ ހާސިލުކުރައްވައި، ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަވެސް ހޯއްދަވާފައެވެ.

ޝާކިރަށް މީގެ ކުރިންވެސް ގިނަ ކާމިޔާބީތަކެއް ލިބިވަޑައިގެންފައިވެއެވެ. އޭގެ ތެރޭގައި ތަމްސީލު ކުޅުމުގެ ރޮނގުންނާއި، ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމާއި، ތާރީޚީ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހިމެނެއެވެ. މީގެއިތުރުން 2025 ވަނަ އަހަރު ޔޫ.އޭ.އީ ގައި ބޭއްވި "ޝާރުޖާ އިންޓަރނޭޝަނަލް ނެރޭޓަރސް ފޯރަމް" ގެ ޝަރަފުވެރި ރާވީގެ އެވޯޑުވެސް އޭނާ ވަނީ ހާސިލުކުރައްވާފައެވެ.

ކަށިމާ ޝާކިރަކީ ރައްޔިތުންގެ މަޖިލީހާއި ޚާއްޞަ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. މިހާރުވެސް އޭނާ ގެންދަވަނީ ދިވެހި ގައުމިއްޔަތުގެ އިސްވަރު ކައުންސިލްގެ މެންބަރެއްގެ ގޮތުގައާއި ގައުމީ އިނާމާ ބެހޭ ކޮމިޓީގެ ޗެއަރޕަރސަންގެ ގޮތުގައި ގައުމަށް ޚިދުމަތް ކުރައްވަމުންނެވެ.