ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ފައިރޫޝް މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޑރ. ފައިރޫޝް މި ނިންމެވުން އިއުލާން ކުރެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި މި ނިންމުމަކީ ވަރަށް ބޮޑަށް ވިސްނައި، ދައުލަތަށް ހިދުމަތް ކުރުމުގެ މަރުހަލާ ނިންމާލުމަށް އެންމެ މުނާސަބު ވަގުތު ކަމަށް ފެންނާތީ ނިންމެވި ނިންމެވުމެކެވެ. މަގާމުން ވަކިވެވަޑައިގަންނަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ހިދުމަތް ކުރުމަށް ލިބުނު ފުރުސަތަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި އޭނާއާ އެކު މަސައްކަތް ކުރެއްވި އެކި މުއައްސަސާތަކުގެ މުވައްޒަފުންނާއި އިސްވެރިންނަށް ވެސް ފައިރޫޝް ވަނީ ޝުކުރު ދަންނަވާފައެވެ.
ފުލުހުންގެ މުއައްސަސާގައި 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ޑރ. ފައިރޫޝް އަކީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ ރޭންކުގައި ހުންނަވައި 2021 ވަނަ އަހަރު ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވި ބޭފުޅެކެވެ.
މި ސަރުކާރު އައިފަހުން ފައިރޫޝް އެންމެ ފުރަތަމަ އައްޔަން ކުރެއްވީ މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރަކަށެވެ. ނަމަވެސް، މިދިޔަ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު އޭނާ ވަނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ބަދަލުކުރައްވާފައެވެ.
ޑރ. ފައިރޫޝް އިސްތިއުފާ ދެއްވާފައި މިވަނީ، ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނަށް ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގައެވެ.