މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، އޭގެ ނޭދެވޭ އަސަރު ދިވެހިރާއްޖޭގެ އިގްތިސާދަށް ކުރަމުންދާތީ، އަސާސީ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް އެހީތެރިވުމުގެ ގޮތުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން 50 މިލިއަން ޑޮލަރުގެ ލޯނެއް ރާއްޖެއަށް ދީފިއެވެ.
މިއީ ފިލިޕީންސާއި ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް އޭޑީބީން ކަނޑައެޅި 800 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖުގެ ދަށުން ރާއްޖެއަށް ދިން އެހީއެކެވެ. މި ޕެކޭޖުގެ ބޮޑު ބައި ކަމަށްވާ 750 މިލިއަން ޑޮލަރު ދީފައިވަނީ ފިލިޕީންސްގެ ސިއްހީ ދާއިރާ ހަރުދަނާކުރުމަށެވެ.
އޭޑީބީގެ ރައީސް މަސަޓްސުގު އަސަކާވާ ވިދާޅުވީ، ދުރުގައި ހިނގާ ހަމަނުޖެހުމެއްގެ ސަބަބުން އާއިލާއެއްގެ ދިރިއުޅުމަށް ބޮޑެތި އަސަރުތަކެއް ކޮށްފާނެ ކަމަށެވެ.
"މިކަމުގެ އަސަރު ފެންނަނީ ބޭހުގެ އަގު އުފުލުމާއި، ގޭގެ ބައްތިތައް ދިއްލިފައި ހުރޭތޯ ކުރަންޖެހޭ ހޭދައިން. އޭޑީބީން މި ފޯރުކޮށްދޭ އެހީގެ ސަބަބުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ކަރަންޓާއި ފެނުގެ ހިދުމަތް މެދުނުކެނޑި ލިބޭނެކަން ކަށަވަރުވެގެންދާނެ،" އޭނާ ވިދާޅުވިއެވެ.
ރާއްޖެއަށް ދިން 50 މިލިއަން ޑޮލަރުގެ "އެނަޖީ ސެކިއުރިޓީ އެމަޖެންސީ އެސިސްޓެންސް ޕްރޮޖެކްޓް" ލޯނަކީ ކުއްލި ހާލަތްތަކުގައި އެހީތެރިވުމަށް ދީފައިވާ ފައިސާއެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު އުފުލުމާއި، ފަތުރުވެރިން އަންނަ މިންވަރު މަދުވުމުގެ ސަބަބުން، ތެޔޮ އިމްޕޯޓް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ދިވެހި ސަރުކާރަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 94 އިންސައްތަ އުފައްދަނީ އިމްޕޯޓްކުރާ ތެލުންނެވެ. އަދި ރާއްޖޭގެ ރަށްރަށުގައި ބޯފެން އުފެއްދުމަށް ބޭނުންކުރާ ޑީސެލިނޭޝަން ޕްލާންޓްތައް ހިންގަނީ ވެސް ކަރަންޓުން ކަމަށްވާތީ، ތެޔޮ ލިބުމަށް ބުރޫއަރައިފިނަމަ އަސާސީ ހިދުމަތްތަކަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެއެވެ.
އޭޑީބީގެ މި އެހީގެ ސަބަބުން ޑީސެލް އިމްޕޯޓް ކުރުމަށް ބޭނުންވާ ފައިނޭންސް ލިބި، ކަރަންޓާއި ފެނުގެ އިތުރުން ކާބޯތަކެއްޗާއި ސިއްހީ ސާމާނު އުފުލުމާއި، ކުނި މެނޭޖްކުރުން ފަދަ މުހިންމު ހިދުމަތްތައް ދެމެހެއްޓުމަށް މަގުފަހިވާނެއެވެ.
މި މަސައްކަތުގައި އޭޑީބީގެ އިތުރުން ވޯލްޑް ބޭންކުން ވެސް ވަނީ ހަމަ މި ބޭނުމަށް ރާއްޖެއަށް 40 މިލިއަން ޑޮލަރުގެ އެހީއެއް ދީފައެވެ.
އޭޑީބީއަކީ 1966 ވަނަ އަހަރުން ފެށިގެން އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގެ ތަރައްގީއަށް މަސައްކަތްކުރާ މާލީ އިދާރާއެކެވެ. މިވަގުތު އެ ބޭންކުގައި 69 މެންބަރު ގައުމު ހިމެނޭއިރު، އޭގެ ތެރެއިން 50 ގައުމަކީ މި ސަރަހައްދުގެ ގައުމުތަކެވެ.