MTCC

އިދިކޮޅުން ޑޮލަރުގެ މައްސަލަ ފެންމަތިކުރަނީ މުޒާހަރާއަށް މީހުން ނެރުމަށް: ސައީދު

large_178401194913ExuU

އިދިކޮޅުން ޑޮލަރުގެ މައްސަލަ ފެންމަތިކުރަނީ މުޒާހަރާއަށް މީހުން ނެރުމަށް: ސައީދު

SHARE

އިދިކޮޅު ފަރާތްތަކުން ޑޮލަރުގެ އަގާ ގުޅުވައިގެން ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުންދަނީ، މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާއަށް މީހުން ޖަމާކުރުމުގެ ބޭނުމުގައި ކަމަށް އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާ ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސައީދު މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، އިދިކޮޅު ފަރާތްތަކުން ޑޮލަރުގެ މާކެޓާ ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން ބާޒާރުގައި ނުތަނަވަސްކަން އުފެދި، ކަޅު ބާޒާރަށް ހިތްވަރު ލިބިގެންދެއެވެ. މީގެ އިތުރުން، މިފަދަ އަމަލުތަކުގެ ސަބަބުން ގައުމުގެ އިގްތިސާދަށާއި ވިޔަފާރިވެރިންނަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާނެ ކަމަށްވެސް ވަޒީރު އިންޒާރު ދެއްވިއެވެ.

"ތަކެތީގެ އަގު އުފުލޭ ކަމަށް ބުނެ 'ދަތިވެއްޖެ' ނަމުގައި އެމްޑީޕީން މާދަމާ ރޭ މުޒާހަރާ ކުރަން ރާވާފައިވާއިރު، މިކަމުގެ އަސްލު މަގްސަދަކީ ސިޔާސީ މަންފާ ހޯދުން،" ސައީދު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް މިހާރު ކަންކަމުގެ ހަގީގަތް އެނގޭ ކަމަށާއި، ސަރުކާރުގެ ޒިންމާއަކީ ސައްހަ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

ކުރީ ސަރުކާރުގެ ތަފާސްހިސާބުތަކާ މިހާރުގެ ހާލަތު އަޅާކިޔުއްވަމުން ވަޒީރު ވިދާޅުވީ، 2021 ވަނަ އަހަރާ އަޅާބަލާއިރު މިހާރު ބޭންކުތަކުން ދޫކުރާ ޑޮލަރުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން:

  • ބޭންކް ކާޑުތައް: 2021 ގައި މަހަކު 10 މިލިއަން ޑޮލަރު ދޫކުރިއިރު، މިހާރު އެ އަދަދު ވަނީ 39 މިލިއަން ޑޮލަރަށް އަރާފައެވެ.
  • އިމްޕޯޓް ޓީޓީ: ބީއެމްއެލް މެދުވެރިކޮށް ކުރިން މަހަކު 6.7 މިލިއަން ޑޮލަރު ދޫކުރި ނަމަވެސް، މިހާރު އެވްރެޖްކޮށް މަހަކު 27 މިލިއަން ޑޮލަރު ދޫކުރެއެވެ.
  • ތައުލީމާއި ބޭސްފަރުވާ: ދަރިވަރުންނަށް ދޫކުރާ އަދަދު 1.9 މިލިއަނުން 4 މިލިއަނަށް އިތުރުވެފައިވާއިރު، ބޭސްފަރުވާއަށް ދޫކުރާ އަދަދު ވަނީ 100,059 ޑޮލަރުން 3 މިލިއަން ޑޮލަރަށް އުފުލިފައެވެ.
  • ބޭރަށް ދަތުރުކުރާ ފަރާތްތައް: ކުރިން ދޫކުރި 1.5 މިލިއަން ޑޮލަރުގެ ބަދަލުގައި މިހާރު މަހަކު 10 މިލިއަން ޑޮލަރު ދޫކުރެއެވެ.

ވަޒީރު ސައީދު ބަޔާންކުރެއްވި ގޮތުގައި މި ހުރިހާ ޑޮލަރެއްވެސް ދޫކުރަނީ ރަސްމީ ރޭޓް ކަމަށްވާ 15.42 ގައެވެ. އަދި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލެނީ ބައެއް ފަރާތްތަކުން ބޭންކިން ނިޒާމުގެ ތެރެއަށް ޑޮލަރު ނުވައްދައި ބޭރުގައި މުއާމަލާތް ކުރާތީ ކަމަށް ސައީދު ތުހުމަތު ކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، ރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނާއި ބައެއް ނޫސްތަކުން ޑޮލަރުގެ ރޭޓާ ބެހޭގޮތުން ހަގީގަތާ ހިލާފު ވާހަކަދައްކައި، އިގްތިސާދީ ބިރުވެރިކަން އުފައްދަން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް، މީގެ ކުރިން ދުވަހަކުވެސް ޑޮލަރު ދޫނުކުރާ މިންވަރަށް މިހާރު އެމްއެމްއޭ އާއި ބޭންކުތަކުން ޑޮލަރު ފޯރުކޮށްދެމުންދާކަން އޭނާ ކަށަވަރުކޮށްދެއްވިއެވެ.