މުޅި ރާއްޖެއަށް ފެންވަރު ރަނގަޅު ބޭސް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލުވުމަށްޓަކައި، ބަންގްލަދޭޝްގެ މަޝްހޫރު ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ އެޗްޕީއެލް އާއެކު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ދަށުން ހިންގާ ސްޓޭޓް ފާމަސޫޓިކަލްސްއިން މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ދިވެހި ކޮންމެ ރައްޔިތަކަށްވެސް އިތުބާރު ހުރި ފެންވަރު ރަނގަޅު ބޭސް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
އެސްޓީއޯއިން ހާމަކުރި ގޮތުގައި، މިއީ ރާއްޖެއަށް ބޭނުންވާ އަސާސީ ބޭސްތައް ހުސްނުވެ، ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.
އެޗްޕީއެލް އަކީ މިހާރުވެސް ދުނިޔޭގެ 32 އަށްވުރެ ގިނަ ގައުމަށް ބޭސް އެކްސްޕޯޓް ކުރަމުންދާ، ބައިނަލްއަގުވާމީ ބާޒާރުގައި ބޮޑު އިތުބާރެއް ހޯދާފައިވާ ކުންފުންޏެކެވެ. އޭގެ ތެރޭގައި ޔޫރަޕް، އޭޝިއާ، އެފްރިކާ އަދި އެމެރިކާގެ ގައުމުތައް ހިމެނެއެވެ. މި ކުންފުންޏާއެކު ވެވުނު އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ބޭހުގެ ސަޕްލައި ޗެއިން އިތުރަށް ވަރުގަދަވެ، ބައިނަލްއަގުވާމީ ސަޕްލަޔަރުންގެ ވިއުގަ ފުޅާވެގެންދާނެއެވެ.
ސަރުކާރުން ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަމަށް ދެއްވާ ހާއްސަ އަހަންމިއްޔަތުގެ ދަށުން، އެސްޓީއޯއިން ދަނީ ދުނިޔޭގެ ކުރިއަރާފައިވާ އެކި ކުންފުނިތަކާ ގުޅުން ބަދަހިކުރަމުންނެވެ. އެގޮތުން ޔޫރަޕްގެ މަޝްހޫރު އެސްޓްރާޒެނެކާ ކުންފުންޏާއެކުވެސް ދާދިފަހުން ވަނީ މުހިންމު މަޝްވަރާތަކެއް ބާއްވާފައެވެ.
ކުރިމަގުގައި ބޭސް ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ފުޅާކުރުމަށްޓަކައި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޭސް ރައްކާކުރާނެ ގުދަންތައް ބިނާކުރުމުގެ
މަޝްރޫއެއްވެސް އެސްޓީއޯއިން ވަނީ ރާވާފައެވެ. މީގެ އިތުރުން ބޭސް ބޭނުންވާ މިންވަރު ދުރާލާ އަންދާޒާކޮށް، ސްޓޮކް ހުސްނުވެ ހިފެހެއްޓޭނެ ޒަމާނީ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ.