މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އޭވިއޭޝަން ދާއިރާގެ ކުރިމަގަށް އަމާޒުކޮށް، ފަންނީ މީހުން ބިނާކުރުމަށްޓަކައި "އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް" (އޭއައިއެމް) ރަސްމީކޮށް ހުޅުވައިފިއެވެ.
ހުޅުލެ އައިލެންޑް ހޮޓަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އިންސްޓިޓިއުޓް އިފްތިތާޙުކޮށްދެއްވީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީއެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދާއި ކުންފުނީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި އިންސްޓިޓިއުޓް އިފްތިތާޙުކުރުމާ އެކު، އެ ތަނުން ކުރިއަށްގެންދިޔަ ފުރަތަމަ ތަމްރީނު ޕްރޮގްރާމްގެ ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. އެގޮތުން "އެއަރޕޯޓް ސެކިއުރިޓީ މެނޭޖްމަންޓް" ކޯސް ފުރިހަމަކުރި 29 ދަރިވަރުންނަށް މި ރަސްމިއްޔާތުގައި ސަނަދު ހަވާލުކުރެވުނެވެ. ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ އެމްޑީ އިބްރާހީމް ޝަރީފެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިބްރާހީމް ޝަރީފް ވިދާޅުވީ، އޭއައިއެމް އުފެއްދުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް ބޭނުންވާ ހުނަރުވެރި ދިވެހި މަސައްކަތްތެރިން އުފެއްދުން ކަމަށެވެ. އަދި މިއީ އެއަރޕޯޓްތަކުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް އެމްއޭސީއެލް އިން ގެންގުޅޭ ދިގު މުއްދަތުގެ ޕްލޭނުގެ މުހިންމު ބައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ޝަރަފުވެރި މެހުމާނު ޑރ. މަޙްމޫދު ޝައުޤީގެ ވާހަކަފުޅުގައި، ރާއްޖޭގައި ތަޢުލީމީ އަދި ފަންނީ ޖީލެއް ބިނާކުރުމަށް އެމްއޭސީއެލް އިން ކުރަމުންދާ މަސައްކަތްތަކަށް ވަނީ ތަޢުރީފު ކުރައްވާފައެވެ.
މި އިންސްޓިޓިއުޓުން އެންމެ ފުރަތަމަ ހިންގި "އެއަރޕޯޓް ސެކިއުރިޓީ މެނޭޖްމަންޓް" ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) ގަބޫލުކުރާ، ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ކޯހެކެވެ.
މިއަހަރުގެ ޖޫން 1 އިން ސެޕްޓެމްބަރު 9 އަށް ކުރިއަށްގެންދިޔަ މި ތަމްރީނަކީ އެމްއޭސީއެލްގެ އެސްޓޭޓް ސެކިއުރިޓީ ސާވިސްއާ އަލަށް ގުޅުނު މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގި ޕްރޮގްރާމެކެވެ.
މިފަދަ ފަންނީ ތަމްރީނުތަކުގެ ސަބަބުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދަތުރުކުރާ ފަސިންޖަރުންގެ ރައްކާތެރިކަމާއި، އެއަރޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.