MTCC

އިތުރު ގޮތެއް ނެތިގެން މެނުވީ ކުދިން ދައުލަތަށް ނުނަގާނެ: ސިއްހީ ވުޒާރާ

763617598_1591285859358495_288455641943692944_n

އިތުރު ގޮތެއް ނެތިގެން މެނުވީ ކުދިން ދައުލަތަށް ނުނަގާނެ: ސިއްހީ ވުޒާރާ

SHARE

އިތުރު ގޮތެއް ނެތިގެން މެނުވީ ކުދިން ދައުލަތަށް ނުނަގާނެ ކަމަށް މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ސޯޝަލް ސާވިސަސް ވިދާޅުވެއްޖެއެވެ.

ތުއްތު ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައަކާ ގުޅިގެން އާންމުންގެ މެދުގައި ދެކެވޭ ވާހަކަތަކަށް ރައްދު ދެމުން، ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން އާއިލާއަށް ނުކުޅެދިއްޖެ ހާލަތެއްގައި މެނުވީ ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނުގެންދާނެ ކަމުގެ ޔަގީންކަން ސިއްހީ ވުޒާރާއިން ވަނީ ދީފައެވެ.

އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުޑަކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަނީ އެ ނޫން އެހެން އެއްވެސް ގޮތެއް ނެތުމުން، އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. އަދި މިފަދަ ނިންމުންތައް ނިންމުމުގައި އަބަދުވެސް އަމަލުކުރަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ކަނޑައެޅިފައިވާ ހަރުދަނާ އުސޫލުތަކުގެ ތެރެއިން ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.

ގާނޫނުގެ 8 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެ ވުޒާރާއިން ބުނީ، ކުޑަކުއްޖަކާ ގުޅޭ ކޮންމެ ނިންމުމެއްގައިވެސް އެންމެ ބޮޑު އިސްކަމެއް ދެނީ އެ ކުއްޖެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް ކަމަށެވެ. ކުއްޖެއްގެ ރައްކާތެރިކަމަށް ނުރައްކާވާ ހާލަތްތަކުގައިވެސް، ދައުލަތުން އެންމެ ފުރަތަމަ އިސްކަންދެނީ މައިންބަފައިންގެ އަރިހުގައި ބައިންދައިގެން ކުއްޖާގެ ހައްގުތައް ކަށަވަރުކޮށްދެވޭތޯ ބެލުމަށެވެ. އެކަން އެގޮތަށް ނުވާ ހާލަތުގައި، ދެން މަސައްކަތް ކުރަނީ އާއިލާގެ ތެރެއިން އެހެން ފަރާތަކާ ކުއްޖާ ހަވާލުކޮށްގެން ރައްކާތެރިކަން ފޯރުކޮށްދިނުމަށެވެ.

ވުޒާރާގެ ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވަނީ، މައިންބަފައިންގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމަކީ އެކަނި ކުއްޖާ އާއިލާއާ ވަކިކުރުމަށް އޮތް ސަބަބެއް ނޫން ކަމަށެވެ. ނަމަވެސް، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 88 ވަނަ މާއްދާގެ ދަށުން، ކުއްޖެއްގެ ރައްކާތެރިކަން ކަށަވަރު ނުވާ ހާލަތެއް މެދުވެރިވެއްޖެނަމަ، ވަގުތުން ފިޔަވަޅު އެޅުމުގެ ގާނޫނީ ބާރު ދައުލަތަށް ލިބިގެންވާކަން އެ ވުޒާރާއިން ހަނދާންކޮށްދެއެވެ.

މީގެއިތުރުން، ނާޒުކު ހާލަތްތަކުގައި ތިބޭ ކުދިންނާއި އާއިލާތަކުގެ ޚަބަރުތައް ފަތުރާއިރު، އެ ފަރާތްތަކުގެ ކަރާމާތަށް އުނިކަން ނާންނާނެ ގޮތަށް އަމަލުކުރުމަށް މީޑިއާތަކަށާއި ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކަށް ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. ސައްހަ ނޫން މައުލޫމާތު ފެތުރުމުގެ ސަބަބުން ކުއްޖާއަށް އިތުރު ނަފްސާނީ އަދި އިޖުތިމާއީ ގެއްލުންތަކެއް ލިބިދާނެ ކަމުގެ އިންޒާރުވެސް އެ ވުޒާރާއިން ވަނީ ދީފައެވެ.